ގައިދީންގެ މައްސަލައިގައި ޒިންމާ އުފުލަން ނުކުޅެދޭ ވެރީން މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރާން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ މައުމޫން މިހެން ވިދާޅުވެފައި މި ވަނީ ކ. މާފުށީ ޖަލުގެ ހާލަތު ގޯސްވެ، ގައިދީންނާއި ޖަލުގެ އޮފިޝަލުންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި، ބައެއް ގައިދީންނާއި ކަރެކްޝަނުގެ މުވައްޒަފުންނަށް ވެސް އަނިޔާވެފައިވާ ވަގުތެއްގަ އެވެ. އެ މައްސަލައާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާ ތަކުގެ ވެރީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ތަކަށް ހާޒިރުކޮށްފަ އެވެ.
އެ ގޮތުން، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އާއި ގައުމީ ސަލާމަތު ކޮމެޓީއަށް އެ މައްސަލައާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރީން ހާޒިރުކޮށްފައިވެ އެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކޮމެޓީތައް ވަނީ އެކުލަވައިލައިފަ އެވެ.
ހަމަނުޖެހުންތަކާ ގުޅިގެން ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ މާފުށީ ޖަލަށް ވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގެން ނޫސްވެރީންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ޖަލުގައި ހިނގި ހަމަނުޖެހުމުގައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ. އެ ގޮތުން 7 ގައިދީއެއްގެ އިތުރުން ކަރެކްޝަންސްގެ މުވައްޒަފުންނަށް ވެސް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ މި މައްސަލަ މީޑިއާއަށް ތިލަވެގެން މީޑިއާތަކުން ސުވާލު ކުރުމުން ކަރެކްޝަނަލް ސާވިސެސް އިން ބުނީ އެފަދަ ކަމެއް ހިނގައިގެން ނޫޅޭ ކަމަށެވެ. ހަމަނުޖެހުންތަކާ ގުޅޭ ބައެއް ވީޑިއޯތައް އާންމުވުމުން، ބުނީ އެއީ ކުރީގެ ވީޑިއޯތަކެއް ކަމަށެވެ. އެހެން ބުނުމުން ޖަލުގެ ގައިދީން ވަނީ ތާރީޚު ޖަހާފައި އާ ވީޑިއޯއެއް މީސްމީޑިއާގައި ލީކުކޮށްލައިފަ އެވެ. ގައިދީން ޖަލަށް އެފަދަ ތަކެތި ވައްދައި ބޭނުންކުރުމަކީ މަނާކަމެކެވެ.
އެހެން ނަމަވެސް މި ހަމަނުޖެހުންތަކާ ގުޅޭ ވީޑިއޯ ތަކާއި ފޮޓޯތައް ދިޔައީ ތަކުރާރުކޮށް މީސް މީޑިއާއަށް ގައި އާންމުވަމުންނެވެ. މައްސަލައާ ގުޅިގެން، އެންމެ ހޫނުވި ޔުނިޓު ތެރޭގައި ސަލާމަތަށް ނުރައްކާ ވާފަދަ ތަކެތި ހުރި ކަމަށް ބެލެވޭތީ، އެތަން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ވެސް ފަހުން ވަނީ ހިންގައިފަ އެވެ. އެ އޮޕަރޭޝަނުގައި އެފަދަ ބައެއް ތަކެތި ވަނީ ގައިދީން ތިބޭ ޔުނިޓުން ހޯދައިފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން ވެސް ޖަލުގައި ހަމަނުޖެހުންތައް ކުރިޔަށްދާ ކަމަށް މައުލޫމާތުތައް ދަނީ ލިބެމުންނެވެ. އެ ގޮތުން ބައެއް މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރާ ކަމަށް ވެސް އަޑުތައް އިވެ އެވެ. އަދި ހަމަނުޖެހުން ތަކުގެ ފޮޓޯތައް ކަމަށް ބުނެ އިތުރު ފޮޓޯތައް ރޭ ވެސް މީސްމީޑިއާގައި އާންމުވެފައިވެ އެވެ. އެހެން ނަމަވެސް އެއީ ސައްހަ ފޮޓޯކަމެއް ކަށަވަރެއް ނުވެ އެވެ.
މާފުށީ ޖަލުގައި ގައިދީން ތަކަކަށް އަނިޔާކުރި މައްސަލަ ބަލައި ނިމެންދެން، ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ވަނީ ސަސްޕެންޑްކޮށްފައެވެ.
ދުންޔާ އިތުރަށް ވިދާޅުވީ ގައިދީންނަށް ކުރާ އަނިޔާތަކަކީ ސިޔާސީ ކަމެއްކަމުގައި ނުދެކި ވަކި ވަކި މައްސަލަތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ބަލާން ޖެހޭ ކަމަށެވެ.