ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކުޑަ ކުއްޖެއް ހައްޔަރު ކުރަން އުޅުމުގެ ތެރެއިން ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފި އެވެ.
މިރޭ 9:15 ހާއިރު މި ހާދިސަ ހިނގާފައިވަނީ އިސްލާމިކް ޔުނިވާސިޓީ ކައިރިންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އެސްއޯ ފުލުހުން އެ ސަރަހައްދު ޕެޓްރޯލް ކުރުމުގެ ތެރެއިން އެތާ ތިބި ހަތަރު މީހަކު އެސަރަހައްދުން ދިއުމަށް ނަސޭހަތް ދިނުމުން އެ ސަރަހައްދުން އެމީހުން ނުގޮސް ތިބުމުން އެމީހުން ޗެކް ކުރަން އުޅުމުގެ ތެރެއިންނެވެ. ފުލުހުން އެމީހުން ޗެކް ކުރުމަށް މަސައްކަތް ކުރީ އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ޝައްކު ކުރެވިގެންނެވެ. އަދި މި މީހުން ޗެކް ކުރަން އުޅެނިކޮށް އެކަކު އެތަނުން ފުލުހެއް ކޮއްޕާލައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހެއް ކޮއްޕާލާފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. މި ކުއްޖާ ހައްޔަރު ކުރަން އުޅުމުން ދެން ތިބި މީހުން އެއްފަހަރާ ފުލުހުންނާ ދިމާއަށް އަރައިގަތް ކަމަށާއި، މިކަން ކޮންޓްރޯލް ކުރުމަށް ޕެޕާ ސްޕްރޭ ޖެހިކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއްކަން އެނގުނީ ފުލުހުންގެ މަރުކަޒަށް ގެނެސް ބެލިބެލުމުންނެވެ. އަދި މިހާރު މި ކުއްޖާ ޗައިލްޑް ޕްރޮޓެކްޝަން އޭޖެންސީއާ ހަވާލުކުރެވިފައިވާނެކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ''ޔޫސް އޮފް ފޯސް'' ރިވިއު ކޮމިޓީއިން ފުލުހުން ބާރުގެ ބޭނުން ކުރާ ހުރިހާ ހާލަތެއް ބަލަށް ޖެހޭހެން މި މައްސަލައިގެ ކަންކަން ބަލާނެއެވެ. އަދި މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.