ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިސްލާމިކް އެންސައިކްލޮޕީޑިއާ އޮފް ޓޮލަރެންސްގެ ޕްރޮޖެކްޓުގެ ވެރިއަކަށް އައްޔަންކުރައްވައިފި އެވެ.
މި ޕްރޮޖެކްޓަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި ސަވުތު އަލް ހިކްމާ އިންސްޓްޓިއުޓާ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގައި އިސްލާމް ދީނާ ގުޅޭ ތަފާތު ރޮނގުތަކުން ހާއްސަވެފައިވާ ދީނީ އިލްމުވެރިންނާއި ރިސާޗު ޓީމުތައް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކީރިތި ގުރުއާނާއި ހަދީސްއާއި ސިޔަރަތުގެ އިތުރުން އިސްލާމީ ސަގާފީ ތަރިކަތައް މި އެންސައިކްލޮޕީޑިއާގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
އެކި ބަސް ބަހަށް ތަރުޖަމާކޮށްގެން އެންސައިކްލޮޕީޑިއާ ނެރުމަށް ހަމަޖެހިފައިވާ އިރު، އެންސައިކްލޮޕީޑިއާ އެކުލަވާލުމަށް އެކުލަވާލެވުނު މެމްބަރުންގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ރިސާޗްޓީމްތައް ހިމެނެއެވެ. މި ޕްރޮޖެކްޓް ނިންމުމަށް ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.