ޚަބަރު

ރަޝިއާ އިން ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

މަރިޔަމް ޝަހުދާ

ރަޝިއާ އިން ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރ ޝާހިދު ރަޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރަޝިއާގެ ފޮރިން މިނިސްޓްރީގައި އެކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. ރާއްޖެއިން މިނިސްޓަރ ޝާހިދު މި އެއްބަސްވުމުގައި ސޮއިކުރެއްވި އިރު ރަޝިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރަޝިއާގެ ފޮރިން މިނިސްޓަރ ސިއެރްޖީ ލަވްރޮވް އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން އިގްތިސާދީ ގޮތުންވެސް ދެގައުމަށް އެކި ފައިދާ ކުރާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ރަޝިއާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭއިރު، ރަޝިއާއިން ރާއްޖެއަށް ދަތުރުކުރާ ރަޝިއާގެ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭގޮތައް ވަނީ ހަމަޖެހިފައެވެ. މި އެގްރީމަންޓަށް އަމަލު ކުރުމަށް ހަމަޖެހިފައިވަނީ 30 ދުވަސް ފަހުން ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ.