ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅިތަކެއް ނައްތާލައިފި އެވެ.
މިއަދު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތީގެ ތެރެއިން ކުޑަހުވަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 145 ބަނގުރާ ފުޅިއާއި 35 ބިޔަރު ދަޅެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރ 25 އިން ފެށިގެން މިއަހަރުގެ ޖޫން 15ގެ ނިޔަލަށް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން 76 މައްސަލައެއްގައި ހޯދާފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިއީ ކުޑަހުވަދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އަތުލައިގަނެފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން އެކަމަށް ހާއްސަކޮށް އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.