ޚަބަރު

ދެ ދުވަސް ތެރޭ ލުތުފީ ރާއްޖެ ގެންނަނީ

ދެ ދުވަހެއްގެ މުދަތެއްގައި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަނީ މިކަން ''ވަން އޮންލައިން'' އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން ދެ ދުވަހުގެ މުއްދަތެއްގެ ތެރޭ ލުތުފީ ލަންކާއިން މާލެ ގެންނާނެ ކަމަށް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެފައިވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ ލަންކާގައި ހުންނަ އެމްބަސީއަށް ދިއުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި މިއަހަރުގެ މެއި އެއްވަނަ ދުވަހު ލަންކާގެ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ލުތުފީ ހާޒިރުވުމާ ގުޅިގެން ދިވެހި ފުލުހުންނާއި އެމްބަސީން ލަންކާގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ލުތުފީ އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ލުތުފީއަކީ 1988ގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ ފަހަތުގައިވާ މީހެކެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އެނާ ލަންކާއަށް ބޭސްފަރުވާއަށް ގޮސްފައިވަނީ 2010 ވަނަ އަހަރުގެ ތެރެއިންނެވެ. ބޭސްފަރުވާއަށް ލަންކާއަށް ދިއުމަށް ފަހު ލުތުފީ ފިލާފައިވާ އިރު، އޭނާ ހޯދުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް އެއް ވަނީ ނެރެފައެވެ. އަދި 2012 ވަނަ އަހަރުގެ ތެރެއިން ސުޕްރީމް ކޯޓުން އޭނާ ހޯދާ ހައްޔަރު ކުރުމަށް ކަރެކްޝަން އަދި ފުލުހުންގެ މައްޗަށް އަމުރެއް ވަނީ ނެރެފައެވެ.