ޚަބަރު

ގައިދީންނަށް އަނިޔާކުރި މައްސަލަ ބަލައި، ޒިންމާ އުފުލަން ނުކުޅެދޭ ވެރިން މަގާމުން ދުރުކުރަން ޖެހޭ: ދުންޔާ

3

ގައިދީންނަށް އަނިޔާކުރި މައްސަލަ ބަލައި، ޒިންމާ އުފުލަން ނުކުޅެދޭ ވެރިން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅޭގޮތުން ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައިދީންނަށް ކުރާ އަނިޔާތަކަކީ ސިޔާސީ ކަމެއް ކަމުގައި ނުދެކި، ވަކިވަކި މައްސަލަތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ބަލަން ޖެހޭ ކަމަށެވެ.

"ގައިދީންނަށް ކުރާ އަނިޔާތަކަކީ ސިޔާސީކަމެއް ކަމުގައި ނުދެކި، ވަކިވަކި މައްސަލަތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ބަލައި، ޒިންމާ އުފުލަން ނުކުޅެދޭ ވެރިން މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ޖަލު އޮފިސަރުންނާއި ގައިދީން ކުރިމަތިލުމަކަށް ގޮސް، އޮފިސަރަކަށް އަދި ގައިދީންތަކަކަށް ވެސް ވަނީ އަނިޔާވެފައެވެ. އަނިޔާ ލިބުނު އެ ގައިދީންތަކަށް ފަރިހަމަ ފަރުވާ ނުދޭ ކަމަށް ބުނެ، ޖަލުގައި ބައެއް ގައިދީން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.

ރޭ ވެސް ޖަލުގައި ކަންތައްތަކެއް ވަނީ ހިނގައިފައެވެ. ޖަލަށް ފުލުހުންގެ ޓީމެއް ގޮސްފައިވާ އިރު، ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ. ޕެޕާ ސްޕްރޭ ޖަހާފައިވަނީ ޖަލުގެ ގައިދީންގެ ތެރެއިން އަމުރަށް ނުކިޔަމަންތެރިވެ، ގޮޅިއަށް ވަނުމަށް އިންކާރު ކުރި ގައިދީން އަނބުރާ ގޮޅިއަށް ވެއްދުމަށް ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.

ކަރެކްޝަންސް އިން ބުނީ އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވެ، ގޮޅިތަކަށް ވަނުމަށް އިންކާރުކުރި ގައިދީން ގޮޅިތަކަށް ވެއްދުމަށް ހިންގި އޮޕަރޭޝަން ހިނގަމުންދިޔަ ގޮތް ފެށުނީއްސުރެ ނިމެންދެން ވީޑިއޯކޮށްފައިވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟