ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ކަނޑުމަތީގެ މަސައްކަތުގައި އަންހެނުންނަށް ވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ: ނަހުލާ

ޝަހީދާ އަބްދުﷲ ސައީދު

ކަނޑުމަތީގެ މަސައްކަތްތަކުގައި ވެސް އަންހެނުންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ދުނިޔޭގެ ބޯޓް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން ފާހަގަކުރާ '' ޑޭ އޮފް ދަ ސީ ފެއަރަރސީ'' ދުވެހުގެ މުނާސަބާގައި ބޯޓް ދަތުރުކުރާ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ތަހުނިޔާ ދަންނަވައި މިއަދު ނެރުއްވި ހިތޯބުގައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ކަނޑުމަތީގެ މަސައްކަތްތަކުގައި އަންހެނުން ބާރުވެރިކުރުވުން އަންގައިދެނީ ޒަމާނުއްސުރެ ފިރިހެނުން ކުރާ މަސައްކަތެއްގެ ގޮތުގައި ދެކެމުން އައި ބޯޓް ދަތުރުކުރުމަކީ ހަމައެކަނަި ފިރިހެނުންނަށް ކުރަން އޮތް މަސައްކަތެއް ނޫން ކަމަށެވެ.

އަދި މިހާރުވެސް ބޯޓް ދަތުރުކުރުމުގެ މަސައްކަތުގައި އަންހެނުން ކުރަމުން އަންނަ މަސައްކަތަށް އިތުރަށް ހިތްވަރުދީ، އެ މަސައްކަތުގައި ދެމިތިބުމަށް މަގުފަހިކޮށްދެވިދާނެ ކަންކަން ހޯދައި އެކަމަށް އަމަލީ ސިފައެއް ގެނައުމަށް މަސައްކަތް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

އަދި ދިވެހިންނަކީ މަސައްކަތަށް ފަރުވާތެރި ހުނަރުވެރި ޒިންމާދާރު ބައެއްގެ ގޮތުގައި މަޝްހޫރު ބައެއް ކަމަށާއި މީ ރީތި ނަން ދެމެހެއްޓުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރާ ބެހޭ ޖަމުއިއްޔާ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ފަރާތުން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޖޫން މަހުގެ 25 ވަނަ ދުވަހަކީ ކަނޑު ދަތުރުފަތުރުކުރާ މީހުންގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެވެ. އެގޮތުން ރާއްޖޭގައި ވެސް ކޮންމެ އަހަރަކު މިދުވަސް ފާހަގަކުރެއެވެ.

މިއަހަރުގެ ޝިއާރަކީ ''އެންޕަވަރިން ވިމެން އިންދަ މެރިޓައިމް ކޮމިއުނިޓީ'' މި ޝިއާރެވެ.