ރ.މަޑުއްވަރީ ކައުންސިލް މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ބައްދަލުވުމުގެ ތެރެއިން މަޑުއްވަރި ކައުންސިލުން ރަށުގެ މިހާރުގެ ހާލަތާއި ރަށަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ރައީސް ސޯލިހުއާ ހިއްސާކުރެއްވެވިއެވެ.
އެގޮތުން ރަށުގެ ބަނދަރު ބޮޑުކޮށް، ސްކޫލްގެ ޖާގަ އިތުރު ކުރުމުގެ އިތުރުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދައި ދިނުމަށް ކައުންސިލްގެ ފަރާތުން ރައީސް ސޯލިހުއަށް ހުށަހެޅުއްވިއެވެ. އަދި ސިއްހީ މަރުކަޒަށް އާ އިމާރާތެއް އެޅުމާއި، ރަށުގައި އައިސް ޕްލާންޓެއް ގާއިމް ކުރުމުގެ އިތުރުން ސޯޝަލް ސެންޓަރެއް ރަށުގައި ގާއިމްކޮށްދިނުމަށް މަޑުއްވަރީ ކައުންސިލުން ރައީސް ސޯލިހުގެ އަރިހުގައި އެދުނު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި ބައްދަލުވުމުގައި ކައުންސިލުން އެދުނު ކަންކަމުގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާއި ރައީސް ސޯލިހު ހިއްސާ ކުރެއްވިއެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރަކުރެއްވުމަށްފަހު އެދެފައިވަ ކަންކަމަށް ވީއެންމެ އަވަހަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.