ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުނު 14 އަހަރުގެ ޝައިމްގެ މައްސަލައާއި މާފުށި ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅޭ މައުލޫމާތު ވަޒީރުންގެ މަޖިލީހުގައި ހިއްސާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ކުޑަކުދިންގެ ހިޔާގެ ބެލުމުގެދަށުގައި ހުއްޓައި ގެއްލުނު، އުމުރުން 14 އަހަރުގެ، ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ ގެއްލުނު މައްސަލައިގެ މައުލޫމާތު ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ރައީސް ސޯލިހަށް އަރުވާފައި ކަމަށެވެ.
މީގެއިތުރުން މިބައްދަލުކުރެއްވުމުގައި މާފުށީ ޖަލުގައި ހިނގި ހާދިސާގެ މައުލޫމާތު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވަޒީރުންގެ މަޖިލީހާ ހިއްސާކުރައްވައިފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ކުޑަކުދިންގެ ހިޔާގައި ހުއްޓައި ޝައިމް ގެއްލުނީ މިމަހުގެ 18 ގައެވެ. ޝައިމް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަަމުންދާއިރު މިހާތަނަށް ތިން ގެއެއް ވަނީ ބަލައި ފާސްކޮށްފައެވެ. ނަމަވެސް އަދިވެސް ޝައިމްގެ ހަބަރެއް ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.