ޚަބަރު

ދިއްދޫ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އަލުން އިއުލާންކުރަން އޭސީސީިން އަންގައިފި

ހއ.ދިއްދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ދޫކުރެއްވުމަށް ދިއްދޫ ކައުންސިލުން ކުރި އިއުލާނާއި، ހައުސިންގ މިނިސްޓްރީން ކުރި އިއުލާނު ބާތިލުކޮށް، ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އަލުން އިއުލާނު ކުރުމަށް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައިފިއެވެ.

އޭސީސީން މިއަދު ބުނީ، ދިއްދޫގައި ސަރުކާރުން ޢިމާރާތްކޮށްދިން 250 ހައުސިންގ ޔުނިޓުގެ ތެރެއިން ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ވަކި ފަރާތްތަކަކަށް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނާ މައްސަލައިގައި ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، އެ ހައުސިން ޔުނިޓުތަކުގެ ތެރެއިން 140 ހައުސިންގ ޔުނިޓް ދޫކުރުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން 19 އެޕްރީލް 2015ގައި ކުރި އިއުލާނާ ގުޅިގެން ދޫކުރުމަށް ހަމަޖެއްސި ހައުސިންގ ޔުނިޓްތައް ދޫކޮށް އެ ޕްރޮސެސް ނިމިފައިވާކަމާއި، ބާކީހުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 100 ޔުނިޓް ދޫކުރުމަށް 30 ޖުލައި 2018 ގައި ހައުސިންގ މިނިސްޓްރީންކުރި އިއުލާނާ ގުޅިގެން އެކަމަށް އެދި އެތައް ބަޔަކު ހުށަހަޅާފައިވާކަން ފާހަ ކުރެވިފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

އަދި ހައުސިންގ މިނިސްޓްރީގެ އިއުލާން ބާތިލުކުރިކަން އާންމުންނަށް އިޢުލާން ކޮށްފައިނުވާއިރު، 2015ވަނަ އަހަރު ކުރެވުނު އިއުލާނާ ގުޅިގެން އެކަމަށް އެދުނު ފަރާތްތަކުގެ ތެރެއިން ބަޔަކަށް ބާކީހުރި ހައުސިންގ ޔުނިޓްތައް ދޭގޮތަށް ހަމަޖެއްސުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއްކަމަށް ނުފެންނަކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

"މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް، ބާކީހުރި 110 (އެއްސަތޭކަ ދިހައެއް) ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއިން 09 ޖޫން 2019 ގައި ކޮށްފައިވާ އިޢުލާނާއި ބާކީހުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 100 (އެއްސަތޭކަ) ހައުސިން ޔުނިޓް ދޫކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 30 ޖުލައި 2018 ގައި ކޮށްފައިވާ އިޢުލާން ބާޠިލުކޮށް، ބާކީހުރި ހައުސިންގ ޔުނިޓްތައް ދޫކުރާނެ އުސޫލަކާއި ޕޮއިންޓް ދޭނެ އުސޫލެއް އަލުން ކަނޑައަޅައި އެ އުސޫލުތަކާ އެއްގޮތަށް، މިހާރު އެކަމަށް އެދޭ ހުރިހާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭގޮތަށް، އަލުން އިޢުލާންކޮށްގެން އެކަން ކުރިޔަށް ގެންދިޔުމަށް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއަށް 24 ޖޫން 2019ގައި މިކޮމިޝަނުން ވަނީ އަންގާފައެވެ.،" އޭސީސީން ބުނެފައިވެއެވެ.