އިބްރާހިމް ޒަކީ
ވިލިނގިލީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ، ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ، 14އ، މި މަހުގެ 18 ވަނަ ދުވަހު ގެއްލިފައިވާ މައްސަލައިގައި،
މިނިސްޓަރ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަަސް ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަން ހުށަހަޅައިފިއެވެ.
އެ މައްސަލައިގައި މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.
މިނިސްޓަރަށް އެކަމުގެ ނޯޓިސް ވަނީ ފޮނުވައިފައެވެ.
މި މައްސަލައިގައި މެންބަރު މިނިސްޓަރާ ސުވާލު ކުރުމަށް ހަމަޖެހިފައިވަނީ، ޝައިމް އަބުދުﷲ ގެއްލުނު މައްސަލާގައި، މިނިސްޓަރު ނެންގެވި ޒިންމާއަކީ ކޮބައޮތޯ އާއި، ޒިންމާވާންޖެހޭ ފަރާތަކީ ކޮބައިތޯބެއްލެވުމަށެވެ. އަދި އެކަމާގުޅިގެން ޒިންމާވާންޖެހޭ ފަރާތްތަކާމެދު އެޅި ފިޔަވަޅަކީ ކޮބައިތޯ އޮޅުން ފިލުވަން ސުވާލު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
މިނިސްޓަރަށް ފޮނުވާފައިވާ، ސުވާލުގެ ނޯޓިސްގައި މެންބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެފައިވަނީ، އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓައި 14 އަހަރުގެ ޝައިމް އަބުދުﷲ ގެއްލިގެން ހޯދަމުންދާއިރު ދައުލަތުުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ، އެ މިނިސްޓްރީގެ ވަރަށްބޮޑު ޒިންމާއެއް ކަމަށެވެ.
އެހެންކަމުން އެކުދިންގެ ހައްގު ތަކާއި، ސަލާމަތާއި ރައްކާތެރިކަމަށް އިހުމާލު ވުމަކީ ޖިނާއީގޮތުން ދައުވާ ކުރެވޭނެ މައްސަލައެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނަމަވެސް މި މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރުމަށް މަޖިލީހުގެ ޖަލްސާއަށް އަދި އެޖެންޑާ ކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ ގަވާއިދުބުނާގޮތުން މިނިސްޓަރަށް ސުވާލުގެ ނޯޓިސް ފޮނުވުމަށްފަހު ޖަބާދުދެއްވަން ތައްޔާރުވުމަށް ކަނޑައަޅާފައިވާ މުއްދަތެއް ދޭން ޖެހެއެވެ.