އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ސޮފްވާން ބްރޯޑްކޮމްގެ މެންބަރުކަމުން ވަކިކުރަން ނިންމައި އެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ނިންމީ، މިމަހުގެ 19 ވަނަ ދުވަހު ބްރޯޑްކޮމްގެ މެންބަރުން އެ ކޮމިޓީއަށް ހާޒިރުކުރުމުން ދިން މައުލޫމާތުތަކަށް ބިނާކޮށް ގިނަ މަސްތަކެއް ވަންދެން އޮފީހަަށް ވަޑައިނުގަންނަވައި މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމަކާނުލައި މުސާރަ ނަންގަވަމުން ގެންދަވާ މައްސަަލައިގައި ބަހުސް ކުރުމަށްފަހުގަ އެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވަނީ ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ފޮނުއްވި، ސޮފްވާންގެ ހާޒިރީ ރިޕޯޓު ކޮމިޓީއަށް އިއްވައި އެއަށް ބަހުސް ކުރައްވައިފައެވެ.
އެ ރިޕޯޓްގައިވާގޮތުން، މިދިޔަ ސެޕްޓޭމްބަރު 28 ހުން ފެށިގެން ކޮމިޝަންގެ އެއްވެސް ބައްދަލުވުމަކަށް ސޮފްވާން ހާޒިރެއް ނުވެއެވެ.
ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ބުނެފައިވަނީ، އެކަށީގެންވާ އުޒުރެއް ނެތި ވިދިވިދިގެން ތިން ބައްދަލުވުމަށް ހާޒިރު ނުވެއްޖެނަމަ، އެއީ މެމްބަރުކަމުން ވަކި ކުރެވިދާނެ ހާލަތެއް ކަމަށެވެ.
އެހެންކަމުން ސޮފްވާން ވަކިކުރުމަށް ނިންމައި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން އެ ވަގުތު ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ ހުރިހާ މެމްބަރުން މެންބަރުކަމުން ވަކިކުރުމަށްވެސް މަޝްވަރާ ކުރިއެވެ.
ގަމު ދާއިރާ މެމްބަރު މުހައްމަދު ވިސާމްގެ އެހުށަހެޅުމަށް މެންބަރުން މަޝްވަރާ ކުރުމަށްފަހު، ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު މެންބަރުންނަށް ނުދީ ހުރިހާ މެމްބަރުން މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުއްވުމާ މެދު މެންބަރުން ހިޔާލުތަފާތުވިއެވެ.
އެހެންކަމުން ކޮމިޓީން ނިންމީ ބްރޯޑްކޮމްގެ މެމްބަރުންނާ ގުޅޭ ތަހުގީގު، އަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހަށް ނިންމުމަށް، ސަބް ކޮމިޓީއަކާ ހަވާލު ކުރުމަށެވެ.
އެ ކޮމިޓީގައި ހިމެނެނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފުގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމެވެ.