ޚަބަރު

އައްޑޫ ސިޓީގައި ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް މިއަދު ފަށަނީ

އަހުމަދު ޖައިޝަން

އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލްސް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން މިއަދު ކުރާނެ ކަމަށް ބުނެފިއެވެ.

ހުޅު ބަދަލު ކުރުމުގެ ހިދުމަތަކީ މީގެކުރީން ހަމައެކަނި މާލެއިން ލިބެމުން އަންނަ ހިދުމަތެކެވެ.

މިއަދު އައްޑޫ ސިޓީގައި ހުޅު ބަދަލުކުރުމުގެ ހިދުމަތް ފަށާއިރު ފުރަތަމަ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗުގެ ކަށީގެ ހާއްސަ ޑޮކްޓަރު އަދި ކަށީގެ ޑިޕާޓްމަންޓުގެ ހެޑް، ޑރ. އަލީ މުޒުނީ އެވެ.

ޑރ. މުޒުނީ ވިދާޅުވީ އަލަށް ފަށާ އެ ހިދުމަތަކީ އައިޖީއެމްއެޗުގެ ހިދުމަތްތަކާއި ތަޖުރިބާތައް އަތޮޅުތަކަށް ފުޅާ ކުރުމުގެ ފެށުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އައިޖީއެމްއެޗުގައި އެފަދަ އޮޕަރޭޝަންތައް މިހާރު ކުރަމުން ގެންދާތާ 10 އަހަރު ވެފައިވާ ކަމަށެވެ. އަދި ފާއިތުވި މުއްދަތުގެ ތެރޭގައި 2،000 އެއްހާ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބާއެކު ކޮށްފައިވާ ކަމަށް ޑރ. މުޒުނީ ވިދާޅުވިއެވެ.

"އުފަން އަތޮޅު ކަމަށްވާ އައްޑޫގައި ދިރިއުޅޭ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރަން،" މުޒުނީ ވިދާޅުވިއެވެ.

މިއަދު އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ 60 އަހަރުގެ އަންހެނެއްގެ ހުޅު ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން އަކީ ހަލާކުވެފައިވާ ހުޅުތައް ނުވަތަ އާތްރިޓިކް މީހުންގެ ހުޅު ނެގުމަށްފަހު ދަގަނޑު، ޕްލާސްޓިކް ނުވަތަ ސެރަމިކް ޕްރޮސްތީސިސްއެއް ބޭނުންކުރާ އޮޕަރޭޝަން އެކެވެ.