ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ހައްޔަރުކޮށްފިއެވެ.
ފުލުހުން ސިރާޖު ހައްޔަރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖިނާއީ ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ ގޮތަށް އަދީބާ ހަވާލާދީ ވާހަކަތަކެއް ފަތުރަމުންދާ ކަމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ ރައީސް ޔާމީނާއި އެހެން ބަޔަކު ޖިނާއީ ކުށެއް ކުރިކަމަށް ބެލެވިދާނެ އަމަލުތަކެއް ކުރިކަމަށް އެފަރާތްތަކަށް ނިސްބަތްކޮށް، އަދީބާ ހަވާލާދީ ސިރާޖު ނޫސްބަޔާންތަކެއް ނެރެ، ސާބިތު ނުހިފޭ ދޮގު ހަބަރުތަކެއް ދައުލަތުގެ އާންމު އިދާރާތައް ހިމެނޭހެން އާންމުކޮށް ޝާއިއުކޮށް، ރިޕޯޓް ކުރަމުންދިއުމާއި ހަޑި ހުތުރު ބަހުން ލިޔުން ތައްޔާރުކޮށް ފަތުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ދާދި ފަހުން އަދީބު ނެރުނު ރިޕޯޓްތަކުގައި ރައީސް ޔާމީންގެ ކޮރަޕްޝަނާއި ސިހުރުވެރިކަމާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.