ޚަބަރު

ސަޓާ 2019: އިންޑިއާގައި އިވެލުއޭޝަން ފަށައިފި، ދެން އޮތީ ނޭޕާލް

މުހައްމަދު އައުޒަމް

ރާއްޖެއާއި ލަންކާގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ އިވެލުއޭޝަން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ފަށައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި އިވެލުއޭޝަން ނިންމުމަށްފަހު ނިއުދިއްލީގައި އިވެލުއޭޝަން ފަށާފައިވާ އިރު، ދެން ސަޓާ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ނޭޕާލްގެ އިވެލުއޭޝަނަށެވެ. ސަޓާ އިވެލުއޭޝަނަށް ދެކުނު އޭޝިޔާގެ އެކި ގައުމުތަކުން 500 އަށްވުރެ ގިނަ ހުށަހެޅުންތައް ވަނީ ހުށަހަޅައިފައިވާ އިރު، ރާއްޖެ އަދި ސްރީލަންކާގެ އިވެލުއޭޝަން ވަނީ ނިންމާލާފައެވެ.

އޭޝިއާ ސަރަހައްދުގެ ރިސޯޓްތަކާއި ގެސްޓް ހައުސްގެ އިތުރުން ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ސަޓާ އެވޯޑަށް އަންނަ މަހުގެ 10ގެ ނިޔަލަށް އާންމުންނަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

އެ އެވޯޑުގައި މިފަހަރު 500 އަށްވުރެ ގިނަ ޓްރެވަލް އެންޑް ޓުއަރިޒަމް ވިޔަފާރި އޮޕަރޭޓަރުން ވަނީ ނޮމިނޭޓްވެފައެވެ. އެ އެވޯޑުގެ ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ އެ އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.