މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

އިމާރާތްކުރަން ބޭނުންކުރާ މައިގަނޑު ތަކެތި ޓެސްޓުނުކޮށް ބޭނުންކުރުން މަނާކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުން ޕްލޭނިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްފަހު، މައިގަނޑުތަކެތި ޓެސްޓްނުކޮށް، މިމަހުގެ 28 ވަނަ ދުވަހުގެ ފަހުން ހިދުމަތް ދިނުމަކީ މަނާކަމެއް ކަމަށް ޕްލޭނިން މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރުމުގެ ގަވައިދު މިމަހުގެ 28 އިން ފެށިގެން ތަންފީޒުކުރަން ނިންމާފައިވާއިރު، އިމާރާތް ކުރުމަށް ރާއްޖެއަށް އެތެރެކުރާ، އަދި ރާއްޖޭގައި އުފައްދާ ތަކެއްޗަކީ މިސިނާއަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ތަކެތި ކަމުގައި ހަދަން ޖެހޭ ކަމަށެވެ. އެތަކެތި ޓެސްޓްކުރާ ފަރާތްތައް (ޓެސްޓިން ލެބޯޓަރީތައް) ގާއިމްކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމަށްޓަކައި އެކުލަވައިލާފައިވާ ގަވައިދުތައް ވެސް ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ އާންމުކޮށްފަ އެވެ.

އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގައިވައިދުގައި ހަ ބާވަތެއް ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ސިމެންތި، ކޮންކްރީޓު ކުރުމަށް ބޭނުންކުރާ ހުރިހާ ގެރޭޑެއްގެ ހިލަ، ކޮންކްރީޓު ކުރުމަށް ބޭނުންކުރާ ހުރިހާ ގެރޭޑެއްގެ ވެލި، ސްޓްރަކްޗަރަލް ދަގަނޑު، ހުރިހާ ގްރޭޑެއްގެ ރެޑީމިކްސްޑް ކޮންކްރީޓް، އަދި އިމާރާތްކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ގައު، ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މިގަވައިދާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުނިތަކަށް މިމަހުގެ 18 ގައި އެކަން އީމެއިލްގެ ޒަރީއާއިން އަންގާފައިވާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިމާރާތް ކުރުމުގެ ގާނޫނު 23 އޭޕްރީލް 2017ގައި ވުޖޫދަށް ގެނެސް އެ ގާނޫނަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

އެހެންކަމުން އެގާނޫނުގެ ދަށުން އެކުލަވާލައި މިހާރު ގެޒެޓް ކޮށްފައިވާ ގަވާއިދުތަކުގެ ތެރެއިން އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވައިދުގެ ދަށުން އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދުގައި ބަޔާން ކުރާ އަސާސީ ތަކެތި 28 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރަންވާނީ ނުވަތަ އުފައްދަންވާނީ އެކަމަށް މިމިނިސްޓްރީން ރަޖިސްޓަރީކޮށް ހުއްދައެއް ނަގައިގެން ކަމަށެވެ.

އަދި އެތާރީހުގެ ފަހުން ތަކެތި އެތެރެކޮށް ނުވަތަ އުފައްދަނީ ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެންތޯ މިނިސްޓްރީގެ ފަރާތުން ބަލަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހުއްދައަށް އެދޭ ފޯމާއި ރަޖިސްޓްރީވުމަށް އެދޭ ފޯމު، މިމިނިސްޓްރީގެ ވެބްސައިޓު www.planning.gov.mv/cidd.html އިންނާއި ކައުންޓަރުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.