ރޭ މާފުށި ޖަލުގެ ގައިދީންގެ ތެރެއިން އަމުރަށް ނުކިޔަމަންތެރިވެ، ގޮޅިއަށް ވަނުމަށް އިންކާރު ކުރި ގައިދީން އަނބުރާ ގޮޅިއަށް ވެއްދުމަށް ޕެޕާސްޕްރޭ ޖެހި ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ ވިހިވަނަ ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ޖަލުގައި ތިބި ބައެއް ގައިދީންނާއި ބަންދުގައި ތިބި މީހުން ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާ ކޮށްފައިވާ ކަމަށެވެ. އަދި ޖަލުގެ އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ޖަލުގެ ގަވައިދުތަކަށް ބޯ ނުލަނބައި، ރޭގަނޑު ގޮޅިތަކަށް ވަންނަންޖެހޭ ގަޑިއަށް ވަނުމަށް އިންކާރުކުރި ކަމަށެވެ. ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރުދިނުމުން ވެސް ކިޔަމަންތެރިވެފައި ނުވާކަމަށް ކަރެކްޝަނުގެ ބަޔާނުގައި ވެއެވެ.
ޖަލުގެ އާންމު މަސްލަހަތު ގެއްލެމުންދާތީ ރޭގެ ވަގުތެއްގައި، ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށް ނުކިޔަމަންތެރިވި ހުރިހާ ގައިދީން އެމީހުންގެ އާންމު ހާލަތުގައި ތިބެންޖެހޭ ގޮޅިތަކަށް ވައްދާފައިވާކަމަށް ވެސް ކަރެކްޝަނުން ބުނެ އެވެ. އެ އޮޕަރޭޝަން ހިންގަންފެށުމުން ގިނަ ގައިދީން އަމުރަށް ކިޔަމަންތެރިވެ، ގޮޅިތަކަށް ވަދެފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެ އެވެ.
ކަރެކްޝަނުން ބުނީ އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވެ، ގޮޅިތަކަށް ވަނުމަށް އިންކާރުކުރި ގައިދީން ގޮޅިތަކަށް ވެއްދުމަށް ހިންގި އޮޕަރޭޝަން ހިނގަމުންދިޔަ ގޮތް ފެށުނީއްސުރެ ނިމެންދެން ވީޑިއޯކޮށްފައިވާނެ ކަމަށެވެ.