ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ

ޑރ. ޒިޔާދުގެ ސުވާލެއް ސަރުކާރަށް: އައިޔޫއެމް، ގައުމީ ޔުނިވާސިޓީގެ ދަށަށް ގެންދަނީ އިސްލާހީ ވިސްނުމެއްގައިތޯ؟

ޝަހީދާ އަބްދުﷲ ސައީދު

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައުމީ ޔުނިވާސިޓީގެ ދަށަށް ބަދަލުކުރުމާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިީހުގައި މެންބަރުން ކުރެއްވި ބަހުސާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ސަރުކާރަށް ސުވާލެއް ކުރިމަތިކުރުވައިފިއެވެ.

ޑރ. ޒިޔާދު އޭނާގެ ފޭސްބުކްޕޭޖުގައި ލިޔުއްވާފައި ވަނީ ދިވެހި ބިމުގައި ހުރި އިސްލާމީ ޝަހުސިއްޔަތު އަންގައިދޭ ރަމްޒު ކަތިލުމަށް ތައްޔާރުވަނީ، އެވެސް އިސްލާހީ މަސައްކަތުގެ ތެރެއިންތޯ ސުވާލު އުފައްދަވައިފައެވެ.

ޒިޔާދު ވިދާޅުވީ މިއަދު އަޑު އުފުލަމުންދަނީ އިސްލާމިކް ޔުނިވާ ސިޓީ އުވާލަން ކަމަށާއި ދިވެހިންގެ ޒަމާންވީ ތައުލީމީ ކިއްލާ ދިވެހި ބިމުން ފޮހެވިގެން މިދަނީ ކަމަށެވެ. އަދި އިސްލާމިކް ޔުނިވާސިޓީއަކީ އިސްލާމީ ޝަހުސިއްޔަތު ރަމްޒު ކޮށްދޭ އަލި ގަދަ ދަންމަރެއް ކަމަށާއި އިސްލާމީ ޔުނިވާސިޓީން ހުރިހާ ދާއިރާތަކުން ތައުލީމީ ގާބިލު ދަރިން ތަކެއް ދިވެހި މުޖްތަމައަށް ނެރެދިން ކަމަށެވެ.

އަދި އެއީ ދިވެހިންގެ ހިތްތަކުގައި ލޯބި އުފެދިފައިވާ މުއައްސަސާއެއް ކަމަށާއި 2009 ވަނަ އަހަރު މައުހަދުވެސް އުވާލި ކަމަށް ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ ކުއްލިއްޔާވެސް އުވާލަން އެދުވަސްވަރު މަސައްކަތް ތަކެއް ކުރި ކަމަށާއި ނަމަވެސް ﷲ ގެ ރަހުމަތުން އެދުވަހު އެކަން ނުވި ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ދަށަށް އިސްލާމިކް ޔުނިވާސިޓީ ގެންދަން މަޖިލީހުގައި ކުރި ބަހުސަށްފަހު އަދާލަތު ޕާޓީންވެސް ވަނީ އެކަމަށް ދެކޮޅު ހަަދައިފައެވެ.

އެގޮތުން އަދާލަތުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްލާމް ދީނާއި ގުޅޭ އިލްމީ ދިރާސާކޮށް ދީނުގެ އިލްމު ފެތުރުމަށް މުސްތަގިއްލު ޔުނިވާސިޓީއެއްގެ ގޮތުގައި އިސްލާމިކް ޔުނިވާސިޓީ ހުރުން މުހިއްމު ކަމަށެވެ.