ޚަބަރު

ޖަލުގައި އޮޕަރޭޝަން ހިންގަނީ ކަރެކްޝަންސް އިން، ފުލުހުންގެ ޓީމެއް ތިބީ "ސްޓޭންޑް ބައި"ގައި: ފުލުހުން

މާފުށީ ޖަލުގައި ހިންގާ އޮޕަރޭޝަން ހިންގަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަމަށާއި ފުލުހުންގެ ޓީމެއް "ސްޓޭންޑް ބައި"ގައި ތިބި ކަމަށް ފުލުހުން ބުނެފިއެވެ.

މާފުށީ ޖަލަށް އެސްއޯ ފުލުހުން ވެދެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ ކަރެކްޝަންސްގެ އެދުމުގެ މަތިން ފުލުހުންގެ ޓީމެއް "ސްޓޭންޑް ބައި"ގައި ތިބި ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިހާރު އެސްއޯ ފުލުހުން އުޅެނީ މާފުށީ ޖަލުގެ ޔުނިޓް 2 އަށް ވަދެގެންނެވެ. އެ ޔުނިޓަކީ އެންމެ ސެކިއުރިޓީ ވަރުގަދަ ޔުނިޓެވެ. އެ ޔުނިޓަށް ފުލުހުން ވަދެގެން އުޅޭ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފައެވެ.

އެސްއޯ ފުލުހުން މާފުށީ ޖަލަށް ވަދެގެން އުޅެނީ ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ އެކަން ހުއްޓުވުމަށް ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، އެކަމަށް ކަރެކްޝަންސްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ޖަލުގައި ކަރުނަ ގޭސް ޖަހާފައިވާ ކަމުގެ ހަބަރުތަކެއް ވެސް ދަނީ ދައުރުވަމުންނެވެ.

އެނގިފައިވާ ގޮތުގައި މާފުށީ ޖަލުގައި ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ މިދިޔަ ބުރާސްފަތި ދުވަހު އޮފިސަރުންނާއި ގައިދީންގެ ކުރިމަތިލުމަކަށް ގޮސް، އެ ހަމަނުޖެހުންތަކުގައި އަނިޔާ ލިބުނު ގައިދީންނަށް ފުރިހަމަ ފަރުވާ ދިނުމަށާއި ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލައެވެ.