ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރަމުންދާ މާފުށީ ޖަލުގެ ޔުނިޓަށް އެސްއޯ ފުލުހުން ވަދެއްޖެއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް އޮފިސަރެއް ވިދާޅުވީ މިއަދު މާފުށީ ޖަލަށް އެސްއޯ ފުލުހުން ދިޔަ ކަމަށާއި ނަމަވެސް ޔުނިޓްތަކުގެ ތެރެއަށް ވަދެފައިވާކަން ނޭނގޭ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިހާރު އެސްއޯ ފުލުހުން އުޅެނީ މާފުށީ ޖަލުގެ ޔުނިޓް 2 އަށް ވަދެގެންނެވެ. އެ ޔުނިޓަކީ އެންމެ ސެކިއުރިޓީ ވަރުގަދަ ޔުނިޓެވެ. އެ ޔުނިޓަށް ފުލުހުން ވަދެގެން އުޅޭ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފައެވެ.
އެސްއޯ ފުލުހުން މާފުށީ ޖަލަށް ވަދެގެން އުޅެނީ ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ އެކަން ހުއްޓުވުމަށް ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، އެކަމަށް ކަރެކްޝަންސްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ވަން އޮންލައިނަށް ވިދާޅުވީ ކަރެކްޝަންސްގެ އެދުމުގެ މަތިން މާފުށީ ޖަލުގައި ފުލުހުން "ސްޓޭޑް ބައި"ގައި ތިބި ކަމަށެވެ.
އެނގިފައިވާ ގޮތުގައި މާފުށީ ޖަލުގައި ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ މިދިޔަ ބުރާސްފަތި ދުވަހު އޮފިސަރުންނާއި ގައިދީންގެ ކުރިމަތިލުމަކަށް ގޮސް، އެ ހަމަނުޖެހުންތަކުގައި އަނިޔާ ލިބުނު ގައިދީންނަށް ފުރިހަމަ ފަރުވާ ދިނުމަށާއި ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލައެވެ.
ތަފްސީލް އަންނަނީ...