ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ބަދަލުކުރުމަށް ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ޖޭއެސްސީގެ ގާނޫނަށް އެ ބަދަލު ގެނައުމަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މިހާރު ޖޭއެސްސީ އޮންނަނީ ސުޕްރީމް ކޯޓުގެ ދަށުގައެވެ.
ސިރާޖު ހުށަހަޅުއްވާފައިވަނީ ޖޭއެސްސީގެ ގާނޫނަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުމުގެ ނަމުގައި މާއްދާއެއް އިތުރުކުރުމަށެވެ. އަދި ޖޭއެސްސީން އަންގާ ގޮތުގެ މަތިން ޑީޖޭއޭ އިން މިހާރު ކުރަމުން އަންނަ މަސައްކަތްތައް ޑީޖޭއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް އެ އިސްލާހުގައިވެއެވެ.
އެ އިސްލާހު ފާސްވުމުން މިހާރެކޭ އެއްގޮތަށް ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ އިދާރީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ޑީޖޭއޭ އިންނެވެ.