ބޭރުގެ ކޮންސަލްޓަންޓެއްގެ އެހީއާއެކު އެއްވެސް ފަނޑިޔާރެއް އިސްތިސްނާ ނުކޮށް، ފަނޑިޔާރުންގެ ފެންވަރު ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ފަނޑިޔާރުންގެ ފެންވަރު ބެލުމަށްފަހު ކޮމިޝަނުން ނިންމާ ގޮތެއް އަންގައިދިނުމަށް ރައްޔިތުންގެ މަޖިލީހުން އެދިފައިވާ ކަމަށެވެ. އަދި މީގެ ކުރިން ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ގަވާއިދެއް ހަދައި، ގެޒެޓުކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އެހެންވީމާ ފަނޑިޔާރުންގެ ޕާފޯމަންސް ބެލުމުގެ މަސައްކަތް ވީހާވެސް އަވަހަށް ކޮމިޝަނުން ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެ، އެކަން ކުރަން ވީހާވެސް އަވަސްކުރުމަށް ވާނީ ނިންމާފައި. އެ ގަވާއިދުގެ ދަށުން އެއްވެސް ފަނޑިޔާރަކު އިސްތިސްނާ ނުކޮށް، އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމުގައިވިޔަސް އަދި ދަށު ކޯޓުގެ ފަނޑިޔާރެއް ކަމުގައިވިޔަސް، އެއްވެސް ފަނޑިޔާރަކު އިސްތިސްނާ ނުކޮށް އެ ގަވާއިދުގެ ދަށުން ފަނޑިޔާރުންގެ ގާބިލުކަން ވަޒަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ނިންމައި، މަޖިލީހަށް ޖަވާބު ދިނުމަށް މިއަދު ވަނީ ނިންމަވާފައި،" އޭނާ ވިދާޅުވިއެވެ.
ޒަހީން ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތާއި ގާބިލުކަން ވަޒަންކުރުމުގެ މަސައްކަތަކީ ރާއްޖޭގައި މުޅިން އަލަށް ފެށޭ މަސައްކަތަކަށް ވާތީ، އެކަމުގައި ބޭރުގެ ކޮންސަލްޓަންޓެއްގެ އެހީ ހޯދައިގެން ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
"މިކަމުގައި ބޭރުގެ ކޮންސަލްޓަންޓެއްގެ އެހީ ހޯދައިގެން އެކަން ކުރިއަށް ގެންދިއުން އެއީ މުހިންމު ކަމެއް ކަމުގައި އެބޭފުޅުންނަށް ފާހަގަކުރެވުނު. އެހެންވީމާ މިގޮތުން ކޮންސަލްޓަންޓުންގެ އެހީ ހޯދައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި. އަދި އެބޭފުޅުންގެ ފަންނީ ލަފާ ހޯދައިގެން ވީހާވެސް އަވަހަކަށް މިކަން ކުރުމަށް ވަނީ ނިންމާފައި. ފަނޑިޔާރުންގެ ޕާފޯމަންސް ދެނެގަތުމުގެ މަސައްކަތަކީ މިހާތަނަށް އައި އިރު ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ޒަހީން އިތުރަށް ވިދާޅުވީ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރުމަށްޓަކައި މާދަމާ އިން ފެށިގެން އެ މަސައްކަތް ފެށޭނެ ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދާނީ ގާނޫނުގައި ބުނާ ކަންތައްތައް ފުރިހަމަކޮށްގެން ކަމަށެވެ.