ޚަބަރު

"އެމްޑީޕީގެ ކުރީގެ ސަރުކާރު ވެއްޓުނީ ދީނަށް ގޮންޖެހުމުން، މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް އުންމީދުކުރަން"

އެމްޑީޕީގެ ކުރީގެ ސަރުކާރު ވެއްޓުނީ ދީނަށް ގޮންޖެހުމުން ކަމަށާއި މިހާރުގެ ސަރުކާރުން ދީނާ ކުޅެން މަސައްކަތް ނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އުމަރު ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ނަގާލުމަކީ އެމްޑީޕީގެ ޒަމާންވީ ސިޔާސަތެއް ކަމަށެވެ.

މީގެ ކުރިން 2012 ގައި އެމްޑީޕީގެ ވެރިކަން ވެއްޓުނީ ދީނަށް ގޮންޖެހުމުން ކަމަށާއި މިހާރުގެ ސަރުކާރުން ދީނާ ކުޅެން މަސައްކަތް ނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އިސްލާމިކް ޔުނިވާސިޓީ އުވާލުމުގެ މަސައްކަތް ކުރިންވެސް، މިހާރުވެސް އަދި ފަހުންވެސް ނާކާމިޔާބުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވަނީ އިސްލާމިކް ޔުނިވަސިޓީއެއް ވަކީން ހިންގުމަށް ވުރެ، ގައުމީ ޔުނީވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ރަނގަޅު ފެންވަރެއްގައި އެކަން މާރަނގަޅަށް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މިކަމަށް އެތައް ބައެއްގެ ފާޑުކިއުން އަންނަނީ އަމާޒުވަމުންނެވެ. ހިސާން މިހެން ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.