ޚަބަރު

ލަންކާ އެމްބަސީއަށް ލުތުފީ ހާޒިރުވުމުން ހައްޔަރުކޮށްފި

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ލުތުފީ މިވަގުތު ހުރީ ފުލުހުންގެ ބެލެހެއްޓުމުގެ ދަށުގައި ކަމަށާއި 16 ޖެނުއަރީ 2010ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން، އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާތީ އޭރުގެ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލުޓޭޝަން ސާވިސް އިން 26 މާޗް 2012 ގައި އޭނާ ހޯދުމަށްފަހު ހުކުމް ތަންފީޒުކުރުމަށް އެ ޑިޕާޓްމަންޓާ ހަވާލުކުރުމަށް އެދި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ލުތުފީ ހޯދުމަށްޓަކައި ފުލުހުން އެވަގުތަށް ކުރެވެން ހުރި މަސައްކަތްކޮށް އޭނާ ހޯދުމުގެ ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމަށް އިންޓަރޕީލް ރެޑްނޯޓިސް ނެރެފައިވަނިކޮށް މިއަހަރުގެ މެއި އެއްވަނަ ދުވަހު ލަންކާގެ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ލުތުފީ ހާޒިރުވުމާ ގުޅިގެން ދިވެހި ފުލުހުންނާއި އެމްބަސީން ލަންކާގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ލުތުފީ އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ލުތުފީއަކީ ނޮވެމްބަރު ތިނެއް، 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިއެވެ. ލުތުފީއަކީ ނޮވެމްބަރު ތިނެއްގައި ބޭރުގެ ބަޔަކާ އެކު ރާއްޖެ އަރައި ވެރިކަން ބަދަލުކުރަން ކުރި މަސައްކަތުގައި ކުށެއް ނެތް އެތައް ބަޔަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށް މަރުގެ ހުކުމް އިއްވައި އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައި ހުރި މީހެކެވެ.

ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖޭން ބޭރަށް ދިޔަ ގޮތަށް ލުތުފީ މިހާތަނަށް ރާއްޖެ އައިސްފައެއް ނުވެއެވެ. ގިނަ ހަބަރުތައް ބުނާ ގޮތުގައި އޭނާ ހުރީ ލަންކާގައެވެ.

ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ކްރިމިނަލް ކޯޓުން ވަނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ފުލުހުންނަށް އަމުރުވެސް ކޮށްފައެވެ.