ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް ބޭރުގެ ފަންނީ މާހިރުންގެ ލަފާ ހޯދުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު އެގޮތަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުން ނެރުނު ދެ ކޯޓު އަމުރަކާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލި މައްސަލަ، އެ ކޮމިޝަނުން ބަލައި ގޮތެއް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިދިނުމަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
"ކޮމިޝަނުން މިއަދު ނިންމާފައިވަނީ ބޭރުގެ މާހިރުންގެ ލަފާ ހޯއްދަވައިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ބާރުތަކުގެ ތެރެއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާތަނަށް އައި އިރު ވަދެފައިވޭތޯ ނުވަތަ ނޫންތޯ. އަދި ދައުލަތުގެ އެނޫން މުއައްސަސާތަކުގެ އިހުތިސޯސްގެ ތެރެއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ނުވަތަ ނޫންތޯ، އެކަން ދިރާސާއެއް ކުރުމަށް،" މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވިއެވެ.
ޒަހީން ވިދާޅުވީ އެކަން ބޭރުގެ މާހިރުންގެ ލަފައާއެކު އެކަން ދިރާސާކުރުމަށްފަހު އޭގެ ނަތީޖާ ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމަކީ ވަރަށް އަވަހަށް ކުރަން ޖެހޭ ކަމަކަށް ވާތީ ވީހާވެސް އަވަހަކަށް އެކަންކޮށް ނިންމުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.