ކްރިމިނަލް ކޯޓުގެ ގާޒީއަކާއި ހައި ކޯޓުގެ ފަނޑިޔާރަކާ ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ތަހުގީގުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެ މައްސަލަތައް ޖޭއެސްސީގެ ކޮމިޓީއަކުން ބެލުމަށް ނިންމާފައިވީ ނަމަވެސް، އެ ފަނޑިޔާރުންގެ ނަންތައް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބާއި ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލަތަކެކެވެ.
އެ މައްސަލަތައް ބެލުމަށް އެކުލަވާފައިވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި މެމްބަރު މުހައްމަދު އީސާފުޅު އަދި މެމްބަރު އަބްދުލްހަންނާނު އަހުމަދެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ފަނޑިޔާރުންގެ ނަންތައް ހާމަކުރުމަށް އޮންނަ އުސޫލުގެ ދަށުން ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ވަކި ހިސާބަކަށް ދިއުމުން ނަންތަކާއި މައުލޫމާތުތައް ހިއްސާކުރާނެ ކަމަށެވެ.