މަގުމަތީގެ ރައްކާތެރިކަން ބަލަހައްޓަ ފަރާތްތައް ކަމަށޤވާ މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ކުރިއަށްދިޔަ މި ބައްދަލުވުމުގައި މި ތިން އިދާރާއިން މަގުތަކުގެ އަމާންކަން ބަލަހައްޓައި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށްޓަކައި ކުރުމަށް ރާވާފައިވާ ކަންތައްތައް ނައިބު ރައީސްއާ ވަނީ ހިއްސާ ކުރައްވާފައެވެ. އަދި މިކަންކަން ކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިކަމާ ގުޅިގެން ނައިބު ރައީސް ވިދާޅުވީ ފާހަގަކުރެވުނު ގޮންޖެހުންތައް ހައްލު ކުރެއްވުމަށް މަޝްވަރާ ކުރައްވަން ޖެހޭ ބޭފުޅުންނާއި މަޝްވަރާ ކުރެއްވުމަށްފަހު އެކަމަށް ހައްލު ހޯދައިދިނުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.