އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާނުގެ ސަސްޕެންޝަން އުވާލައިފިއެވެ.
ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް 2016 ވަނަ އަހަރު ނިހާން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރި ކަމުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ސާބިތުވާ ކަމަށް ނިންމި ނަމަވެސް، އިސްތިއުނާފީ މައްސަލައިގައި ނިހާންގެ މައްޗަށް ކުރި ހުކުމް ބާތިލް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އިލްތިމާސްނުކުރާނެ ކަމަށް ނިންމައި، އަންގާފައިވުމުން ނިހާންގެ ސަސްޕެންޝަން އުވާލުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
"އިސްތިއުނާފީ މަރުހަލާގައި ނިމިގެންމިދިޔައީ އެ މައްސަލަ ނިހާންގެ މައްސަލައަކީ ބާތިލް ނިންމުމެއް ކަމަށް. މި ނިންމުމާއެކު ދެން އަޅުގަނޑުމެން އިންތިޒާރުކުރަމުން ދިޔައީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އިލްތިމާސްކުރާނެތޯ، ނޫންތޯ. އަޅުގަނޑުމެންނަށް މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިކަން އިލްތިމާސްނުކުރާނެ ކަމަށް ނިންމައި، އެކަމުގެ ސިޓީއެއް ލިބިފައި. މިއާ ގުޅިގެން މިއަދު ކޮމިޝަނުގައި މަޝްވަރާކޮށް، ކޮމިޝަނުން ނިންމީ އެހެންވީމާ ނިހާން ސަސްޕެންޑްކޮށްފައި ހުރި ހުރުން މިއަދު އުވާލުމަށް،" ޒަހީން ވިދާޅުވިއެވެ.
ޒަހީން ވިދާޅުވީ ނިހާންގެ ސަސްޕެންޝަން އުވާލި ނަމަވެސް އޭނާއާ ބެހޭގޮތުން ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަ ނުނިމޭ ކަމަށާއި އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.