ބޭސްފަރުވާއަށް އިންޑިއާގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ޕާސްޕޯޓު ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުން އަދީބު ޕާސްޕޯޓު ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެފައިވަނީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށް، ވަގުތީ އަމުރަކަށް އެދިފައިވުމުންނެވެ.
މިއަހަރުގެ މެއި މަހުގެ 30 ގައި ހައި ކޯޓުން ވަނީ އަދީބުގެ ހިޔާނާތުގެ މައްސަލައިގެ އަށް އަހަރުގެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ހައި ކޯޓުން އެ މައްސަލައިގެ ހުކުމް ބާތިލްކުރުމާ ގުޅިގެން ދައުލަތުން ކޮށްފައިވާ އިލްތިމާސް ބަލައިގެންފައިވާ ކަމަށާއި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އިމްގްރޭޝަންގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށެވެ.