ގަލްފް އެއާއިން އަންނަ އޮކްޓޯބަރު މަހު ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.
އޮކްޓޯބަރު 26 ވަނަ ދުވަހު އޮޕަރޭޝަން ފެށުމަށް ހަމަޖެހިފައިވާ އިރު، ގަލްފް އެއާއިން ރާއްޖެއާއި ބަހްރެއިންއާ ދެމެދު ހަފްތާއަކު ފަސް ފްލައިޓް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ އެއާލައިން އިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބޭނުން ކުރަން ހަމަޖެހިފައިވަނީ އެންމެ ފަހުގެ އެއާބަސް އޭ 320 ނިއޯ އެއާކްރާފްޓްއެވެ.
ގަލްފް އެއާއިން ރާއްޖެއަށް ދަތުރު ފެށުމަށް އިއުލާންކުރަމުން އެއެއާލައިންގެ ސީއީއޯ ވިދާޅުވީ ގަލްފް އެއާއިން ރާއްޖެއަށް ދަތުރުފެށުމަށް ނިންމާފައިވަނީ ރާއްޖެއަކީ ހިތްފަސޭހަ ހިތްގައިމު މަންޒިލަކަށްވެފައި ރާއްޖެއަށް ދަތުރުކުރާ ޕްރިމިއަމް ފަތުރުވެރިންނަށް އެއެއާލައިން މެދުވެރިކޮށް ރާއްޖޭގައި އަރާމު ޗުއްޓީ ހޭދަކުރުމަށް ފުރުސަތު ލިބިގެންދިއުމަށެވެ.
ގަލްފްއެއާގެ ފްލައިޓު އޮންނަ ދުވަސްތަކުގައި ބަހްރެއިން އިން ރާއްޖެއަށް އަންނަ ފްލައިޓު ރާއްޖެ ގަޑިން ހެނދުނު 6:25 ގައި ޖައްސާނެއެވެ. އަދި ހެނދުނު 7:25 ގައި ރާއްޖެއިން ލަންކާއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ހަމަ އެ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އެދުވަހުގެ ހަވީރު 5:55 ގައެވެ. އަދި އިރުއޮއްސި 6:55 ގައި ރާއްޖެއިން ބަހްރެއިނަށް ފްލައިޓު ދަތުރުކުރާނެއެވެ.
ބަހްރެއިންގެ ގައުމީ އެއާލައިން ގަލްފް އެއާއިން 18 ގައުމެއްގެ 50 މަންޒިލަކަށް ދަތުރުކުރެއެެެވެ.