ޖޭއެސްސީން މިހާރު ސުލޫކީ މައްސަލައެއް ބަލަމުންގެންދާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި، ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގެން ހުންނެވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް، ގެއްލުވާލާފައިވާ، ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ އާއިލާއިން ރިޔާސީ ކޮމިޝަނަށް ގޮވާލައިފިއެވެ.
އެ އާއިލާއިން އެ ދެބޭފުޅުންގެ މައްޗަށް ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވައިލީ، ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާ ގުޅިގެން އާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ތަހުގީގުގައި، ރިޟްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ އަތިރީއާގެ މުހައްމަދު ސުއައިދު ބަންދުން ދޫކޮށްލެއްވުމުގައި ފަނޑިޔާރު ދީދީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ތުހުމަތު ފުލުހުން ކޮށްފައިވާކަމަށް ބުނެފައިވާތީއެވެ.
ފަނޑިޔާރު ދީދީގެ މައްޗަށް ސުއައިދު ދޫކޮށްލިކަމުގެ ތުހުމަތު ފުލުހުން ކޮށްފައިވަނީ، އެ ތަހުގީގަށް ބޭނުން ވެގެން ޖޭއެސްސީއަށް ފުލުހުން ދިން މައުލޫމާތުގެ ތެރޭގައެވެ. ފުލުހުން ބުނެފައިވަނީ އަބުދުﷲ ދީދީގެ މައްޗަށް ކުރަމުން ގެންދާ ތަހުގީގުގައި އެކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރިލްވާންގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިލްވާން ގެއްލުވާލި މީހުންނަށް އަދަބު ނުލިބި ލަސްވަމުންދިޔުމަކީ، ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި ރިލްވާން ގެއްލުވައިލުމުގެ މައްސަލައިގެ ތަހުގީގަށް ޝަރީއަތުން އިންސާފުލިބިފައި ނުވަނީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ފޯރުކުރުވާ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށް ވެސް ބުނެފައިވެއެވެ.
ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުއެވެ. ރިލްވާން ގެއްލުނުތާ ހަތަރު އަހަރު ވީއިރު ވެސް ފުލުހުންނަށް ވަނީ އެކަމާބެހޭ މައުލޫމާތު ހޯދައި ނުގަނެވިފައެވެ.