އިބްރާހިމް ޒަކީ
އިސްލާމީ ޔުނިވާސިޓީގެ މަޖިލިސް، 19 މެންބަރުންނަށް އިތުރުކުރަން އިސްލާމީ ޔުނިވާސިޓީގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއުގެ ޖަލްސާގައި މި އިސްލާހު މަޖިލީހަށް ބަލައިގަތީ، އެވަގުތު ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލް މަޖިލީހަށް ބަލއިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީގެ ކޮމިޓީއަށް ފޮނުވަން މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފައެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި މި އިސްލާހުގައި، އިސްލާމީ ޔުނިވާސިޓީގެ މަޖިލިސް މެންބަރުންގެ އަދަދު 13 އިން 19 އަށް އިތުރު ކުރަން ވަނީ ހިމަނައިފައެވެ. މީގެ އިތުރުން އެ ޔުނިވާސިޓީގެ ޗާންސެލަރާއި ވައިސް ޗާންސެލަރުގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރުންނެވެ.
އެމީހުންގެ ތެރެއިން ޗާންސެލަރާއި ވައިސް ޗާންސެލަރު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިސްލާހުގައިވެ އެވެ. އެކަމަކު ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަންކޮށް ވަކިކުރާނީ ޔުނިވާސިޓީގެ މަޖިލީހުން ކަމަށް އިސްލާހުގައިވެ އެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ޑެޕިއުޓީ ޗާންސެލަރުންގެ މަގާމަށް މީހުން އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ޗާންސެލަރާއި ވައިސް ޗާންސެލަރުގެ މުއްދަތަކީ ފަސް އަހަރެވެ. އެކަމަކު ޑެޕިއުޓީ ޗާންސެލަރުންގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ޔުނިވަސިޓީގެ މަޖިލިހުން ކަމަށް އާ އިސްލާހުގައިވެ އެވެ.
މީގެ އިތުރުން ޔުނިވާސިޓީގެ މަޖިލިސް އެކުލެވިގެންވާ އަދަދު އިތުރު ކުރަން ވެސް އިސްލާހުގައިވެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ މަޖިލިސްގައި ތިބޭނީ 13 މެމްބަރުންނެވެ. އެކަމަކު އިސްލާހުގައިވާ ގޮތުން އެ މަޖިލިހުގައި ތިބޭ މެމްބަރުންގެ އަދަދު 19 އަށް ބަދަލުވާނެ އެވެ.
އިސްލާމީ ޔުނިވާސިޓީގެ މަޖިލީހުގެ އެކުލެވިގެންވަނީ މަގާމުގެ ހައިސިއްޔަތުން ހިމެނޭ ދެ މެމްބަރަކާއި މަތީ ތައުލީމާ ބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު އައްޔަންކުރާ އަށް މެމްބަރާއި އިންތިހާބު ކުރާ އަށް މެމްބަރުންނާއި ޔުނިވަސިޓީ މަޖިލިހަށް ފެނިއްޖެ ހިނދެއްގައި މަޖިލިހުން ކަނޑައަޅާ މުއްދަތަށް ޔުނިވަސިޓީ މަޖިލިހަށް އައްޔަން ކުރާ އެކެކެވެ.
މިއަދުގެ ޖަލްސާގައި ސަރުކާރުން ވަނީ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް މަޖިލިހަށް ހުށަހަޅައިފަ އެވެ.