ޚަބަރު

މުހިއްމު ކަންތަކުގައި ޕެންޝަންފަންޑުން ފައިސާ ބޭނުން ކުރެވޭގޮތް ހެދުމަށް ހުށަހަޅައިފި

އިބްރާހިމް ޒަކީ

4

ރައްޔިތުންނަށް ދިމާވާ މުހިއްމު ކަންތައްތަކުގައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފަރުޟު ހައްޖު އަދާ ކުރުމަށް ޕެންޝަން ފަންޑުން ބޭނުން ކުރެވޭ ފައިސާގެ އަދަދު، 80 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި އެ ހުށަހެޅުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ.

ސަލީމް ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެބޮޑު ފަންޑަކީ ޕެންޝަން ފަނޑު ކަމަށާއި، އެ ފަންޑުގައި ހުރި، ހުރިހާ ފައިސާއެއް ރައްޔިތުމީހާ ބޭނުންވެއްޖެނަމަ ބޭނުންކުރެވެގޮތަށް އޮތުން މުހިއްމުކަމަށެވެ.

އެގޮތުން ދިރިއުޅުމުގައި ދިމާވާ ބޮޑެތި މުސީބާތްތަކާއި، އެކި އެކި މުހިއްމު ބޭނުން ތަކާއި، ބޮޑެތި ބަލިތަކަށް ބޭސް ކުރުމަށް އެ ފަންޑުން ފައިސާ ބޭނުން ކުރެވޭނެ ފަސޭހަ ނިޒާމެއް އޮތުމަކީ މުހިއްމުކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މީހަކު މަރުވެއްޖެ ނަމަ ޕެންޝަން ފަނޑުގައި ހުރި އެމީހާގެ ފައިސާ ވާރުތަވެރިންނަށް ބެހިގެންދާގޮތްވެސް ނޭނގޭ ކަމަށެވެ. އަދި ރައްޔިތުންގެ އަތްމަތި ދަތިވެ ފައިސާ ނެތިފައިވާއިރު ޕެންޝަން ފަނޑުން އެހީތެރިނުވެވޭގޮތަށް އޮވެގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ސަލީމުގެ ވާހަކައަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ޕެންޝަން ފަންޑަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮންނަ ފަންޑެއް ކަމަށެވެ. އަދި އެފަންޑުން ބޭނުން ކަމެއްކުރަން ފައިސާ ނެގޭގޮތަށް އޮތުމަކީ ސަލާމަތީ ކަންތައްތަކަށް ބުރޫއަރާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ޕެންޝަން ނުލިބި ފައިސާ ހުސްވެދާނެ ކަމަށްވެސް ވިދާޅުވިއވެެ.

ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް ހައްޖަށްދެވޭ ސްކީމެއް ސަރުކާރުން ރޭވި ނަމަވެސް އެކަމަށް ކޮންމެސް އެހެންގޮތަކުން ފަންޑެއް ހޯދައިގެން އެކަން ކުރިއަށް ގެންދިއުން މުހިއްމު ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟