ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އިންނަފުށީގެ އެއްބަސްވުން ބާތިލުކުރަން ނިންމައިފި

ބ. އަތޮޅުގައި ރިސޯޓުހެދުމަށް ދޫކޮށްފައިވާ އިންނަފުށީގެ އެއްބަސްވުން ބާތިލުކުރަން ސަރުކާރުން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިންނަފުށީގައި ރިސޯޓް ހެދުމަށް ނުފެންނަ ކަމަށް ނިންމީ ބ. އަތޮޅުގައި ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ބޮޑު ސަރަހައްދެއް ހިމެނޭތީއެވެ.

އަދި ރާއްޖޭގައި އޮތް އެންމެ ރީތި ޖަޒީރާ ވަންތަ އަތޮޅަކީ ވެސް ބ. އަތޮޅު ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އިންނަފުށްޓަކީ ޕްރޮޕޯސަލް ހުށަހެޅުމާއި ބެހޭ ގައިވައިދުގެ ދަށުން ދޫކޮށްފައިވާ ރަށެއް ކަމަށާއި އެރަށަކީ އެމްއެމްޕީއާރުސީއާ އެއްވެސް ގުޅުމެއް ހުރި ރަށެއް ނޫން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރު އިންނަފުށި ކުއްޔަށް ދޫކޮށްފައިވަނީ ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި އެ ކުންފުނިން ވަނީ މި ރަށުގެ އިކުއެޒިޝަން ކޮސްޓްގެ ގޮތުގައި 1.4 މިލިއަން ޑޮލަރު ދައްކައިފައި ކަމަށެވެ.

މީގެއިތުރުން ތިމާވެއްޓަށް ގެއްލުންވާ ފަދަ ގޮތަކަށް އެއްވެސް ރަށެއްގައި ރިސޯޓު ހަދަން ހުއްދަ ނުދޭނެ ކަމަށާއި އެފަދަ އެއްބަސްވުމެއް ކުރީގެ ސަރުކާރުން ހަދާފައި އޮތް ނަމަވެސް އެހުއްދައެއް ބާތިލުކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ގއ. އޮޑެގައްލާގައި ރިސޯޓު ހެދުމަށް ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރްސީ) އާ އެކު ހަދާފައިވާ ލީސް އެއްބަސްވުން ވެސް އުވާލަން ނިންމާފައެވެ.