ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރަޝިޔާއިން ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއިކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ރަޝިޔާއިން ދިވެހީންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ، ލިބޭ އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކުރެއްވުމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަޝިޔާއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، މިނިސްޓަރު ޝާހިދު، ރަޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުގައި އެގައުމުގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް އާއި ބައްދަލުކުރައްވާނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާ ފުރަތަމަ ފަހަރު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، މި ދަތުރުގައި މިނިސްޓަރު ލަވްރޯފްއާއި ބައްދަކުރައްވައި، ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. މި ދަތުރުގައި ދެގައުމުގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް ގައުމުގައި ވިސާ އެގްޒެމްޕްޝަންގެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ދެގައުމުގެ ޚާރިޖީ ވަޒީރުން ސޮއިކުރައްވާނެއެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަސޭހަކަމާއެކު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ މަގު ފަހިކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދަތުރުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފްގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޝިއުނީން ރަޝީދާއި އަދި ޑެސްކް އޮފިސަރު މަރިޔަމް އާސިފް، ބައިވެރިވެވަޑައިގަންނަވަ އެވެ.