ރައްޓެހިވެގެން އުޅޭ ދެމީހަކު، އުމުރުން 16 އަހަރުވުމުން ކައިވެނި ކުރުމުގެ ފުރުސަތު ދިނުމަކީ އެންމެ ބޮޑު ހައްލުކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކު ވިހެއުމާއި ގުޅިގެން އެފަދަ ކަންކަމުގައި އޭނާގެ ހިޔާލު ހުރިގޮތް ހާމަކުރައްވައި ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައެވެ.
ޒައިދު ވިދާޅުވީ 16 އަހަރުގައި ބޯއި ފޮރެންޑާއި ގާރލް ފުރެންޑްވެގެން ހުރިހާ ކަމެއް ކުރުން އޯކޭ ކަމަށާއި އެ ދެމެދު ކައިވެނީގެ ސެޓްފިކެޓް އޮތުން މަނާ ކަމަށެވެ.
ޒައިދު މިހެން ވިދާޅުވިއިރު، 16 އަހަރުގެ އަންހެންކުއްޖަކު ވިހޭ މައްސަލައެއް ރޭގެ ވަގުތެއްގައި ވަނީ މީޑިއާއަށް ފެންމަތިވެފަ އެވެ. އެ ކުއްޖާގެ ބައްޕަގެ އުމުރަކީ 15 އަހަރެވެ. އެކަން އެ ރަށު ކައުންސިލްގެ ރައީސް ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. އެ ކުއްޖާ ވިހާފައިވަނީ އެ ރަށު ހޮސްޕިޓަލުގައެވެ.
ވަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެކުއްޖާ ވިހެއި ދަރިފުޅަށް މިހާރުވަނީ ނަން ވެސް ކިޔައިފައެވެ. މައިމީހާ އާއި ދަރިފުޅު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ އިރު، ދެމައިންގެ ހާލުވެސް ރަނގަޅެވެ.
އެ މައްސަލަ އެ ރަށު ޕޮލިސް ސްޓޭޝަނުން އަންނަނީ ބަލަމުންނެވެ. އެކުއްޖާ ވިހާފައިވަނީ މީގެ ހަތް ދުވަސް ކުރިންނެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ވެސް އެފަދަ ހާދިސާއެއް ވަނީ ހިނގައިފައެވެ. އެ ހާދިސާގައި 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު ވަނީ ނިޔާވެފައެވެ.