ޚަބަރު

ފަސްކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ 10:45ގައި ފަށައިފި

އިބްރާހިމް ޒަކީ

ބްރޯޑްކާސްޓްކުރާ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ފަސްކުރި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 10:45 ފަށައިފިއެވެ.

ޖަލްސާ ފެށުމާއެކު، ގައުމީ ޔުނިވާސިޓީގެ ބިލުގެ އިބްތިދާއީ ބަހުސްގައި، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާނަށް ރިޔާސަތުން ވަނީ ފުރުސަތު އަރުވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ 9:00 ގައި ފެށި ނަމަވެސް ޖަލްސާ މެދުކަޑައިލީ، ބްރޯޑްކާސްޓްކުރާ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

ޖަލްސާ މިއަދު ހެނދުނު 9:00 ގައި ފެށި ނަމަވެސް އަޑު އައިސްފައެއްނުވެއެވެ. ލައިވް އިން ފެނުނީ ހަމައެކަނި ވީޑިއޯއެވެ. އެހެންކަމުން މަޖިލިހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު އިންނަވައިގެން ވާހަކަފުޅުތަކެއް ދެއްކެވިތަން ފެނިގެންދިޔައެވެ. ނަމަވެސް ވިދާޅުވި ބަސްފުޅުތައް އެނގޭގޮތެއް ނުވިއެވެ. އެގޮތުގައި ކުޑަ ވަގުތުކޮޅަކު ލައިވް ހުރުމަށްފަހު ސިގުނަލް ކެނޑިގެންދިޔައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދެ ބިލެއް ތައާރަފް ކޮށް، ތިން ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމުގެ އިތުރުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ބައެއް ރިޕޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން މިއަދުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށްދާ މަސައްކަތްތަކަށް ވޯޓަށް އެހުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.