އިބްރާހިމް ޒަކީ
ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓަރ އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން "ވަން އޮންލައިންް"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އިބްރާހިމް ރަޝީދު މެޖިސްޓަރ ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވީ އޭނާގެ ސުލޫކީ މައްސަލައެއް ކޮމިޝަނުން ބެލުމަށް ފަހުގައި ކަމަށެވެ.
މިއީ ސުލޫކީ މައްސަލައެއް ބެލުމަށްފަހު ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވި ފުރަތަމަ ފަހަރެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް، ފަނޑިޔާރުންގެ ކިބައިގައި ހަމަވޭތޯ، ބެލުމުގެ އިތުރުން ފަޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަކީ، ޖޭއެސްސީގެ ގާނޫނީ ޒިންމާއެކެވެ.
ނަމަވެސް ފަނޑިޔާރުން ވަކި ކުުރުމުގެ ބާރު ގާނޫނުން ލިބިފައިވަނީ، ރައްޔިތުންގެ މަޖިލީހަށެވެ.
ގާނޫނު ބުނާގޮތުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށްފަހު އެ ފަނޑިޔާރަކު މަގާމުން ވަކިކުރަންޖެހޭނަމަ، އެކަން އެގޮތަށް ކަންއަޅައި ޖޭއެސްސީން ޖެހެނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ މަޖިލިސް މެންބަރުންގެ ތިންބައިކުޅަ ދެބައި، މެންބަރުންގެ ވޯޓުންނެވެ.