ޚަބަރު

ކުއްޖާ ގެއްލުނު މައްސަލައިގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތްކޮށްފައިވާކަން ހާމަވޭ: ޕީއެންސީ

1

ކުޑަކުދިންގެ ހިޔާގައި ހުއްޓައި އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނު މައްސަލައިގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތްކޮށްފައިވާކަން ހާމަވާ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ ގެއްލުނު މައްސަލައާ ގުޅޭގޮތުން ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ގެއްލިގެން ހޯދާތާ ފަސް ދުވަސް ވެފައިވާ އިރު އެކުއްޖާއާބެހޭ އެއްވެސް ހަބަރެއް މިހާތަނަށް ލިބިފައިނުވާތީ އެޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

"މިކުއްޖާ ގެއްލިގެން ހޯދުމަށް ފުލުހުންގެ އިދާރާއިން އިއުލާންކޮށް މައުލޫމާތު ހޯދުމަށް އެދުނު އިރު، މިކުއްޖާއަކީ ކޮންތާކު ދިރިއުޅޭ ކޮންގެއެއްގެ ކޮންރަށެއްގެ ކުއްޖެއްކަން ހާމަކޮށްފައެއް ނުވެއެވެ. މިރޭ މީޑީއާގެ ވަސީލަތްތަކުން މިކުއްޖާއަކީ ކުޑަކުދިންގެ ހިޔާއިން ގެއްލިގެން އުޅޭ ކުއްޖެއްކަމުގެ ޑޮކިއުމެންޓްތަކެއް ލީކުވެފައިވާ އިރު، މިކަމުގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައިވާކަން ހާމަވެއެވެ..،" އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީން ބުނީ އެފަދަ ކަންކަން ހިނގަމުން މިދަނީ ސަރުކާރުގެ އެއްވެސް ހަރުދަނާ ކަމެއް ނެތް ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި އަދި ހަމައެހެންމެ އެކަމުގައި ޖެންޑާ މިނިސްޓްރީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ތަނަށްވުމާއި އެތަނަކީ އެކުދިންނަށް ސަލާމަތްތެރި، ރައްކާތެރި ތަނަކަށް ހެދުމާއި އެކުދިންގެ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމާއި މިކަންކަން އެންމެ ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވަނީ އެ މިނިސްޓްރީ ކަމަށްވީހިނދު، އެ ހާދިސާއާ ގުޅިގެން އެ މިނިސްޓްރީއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއަށް އިހުމާލުވެފައިވާ ކަމަށެވެ.

"ވުމާއެކު މިކަމާ ގުޅޭ ސައްހަ މައުލޫމާތު އޮޅުވާ ނުލައި ރައްޔިތުންނަށް ހާމަކުރުމަށް މިޕާޓީން ގޮވާލަމެވެ. ޖެންޑަރ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރަކީ މީގެ ކުރިންވެސް ވ. ރަކީދޫއިން ވަރަށް އިހާނެތި ގޮތަކަށް މަރާލެވުނު އިބްތިހާލުގެ މައްސަލައިގައިވެސް އިހުމާލުވެފައިވާ ފަރާތެކެވެ. އަދި އެފަދަ ފަރާތަކަށް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ފަދަ މުހިންމު ވުޒާރާއެއް ޒިންމާދާރު ކަމާއެކު ހިންގިދާނެ ކަމަށް މިޕާޓީއަކަށް ގަބޫލެއް ނުކުރެވެއެވެ..،" ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީން ބުނީ އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގައި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެ ޕާޓީން ސަރުކާރަށް ގޮވާލާ ކަމަށާއި އެފަދަ ހާދިސާތައް ހިނގުމުން މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ފޮރުވާ އޮޅުވާލުމަކީ ރައްޔިތުންނާ މެދު އިހާނެތިވުންކަން ފާހަގަކޮށް، މިސަރުކާރުގެ އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި ހުއްޓައި ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދިވެސް އެކުއްޖާ ފެނިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟