މާފުށި ޖަލު ބަލައި ފާސްކުރުމުގެ ތެެރެއިން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވޭނެހެން ތައްޔާރުކޮށްފައިވާ އެއްޗެއް ހޯދައިފި އެވެ.
މާފުށި ޖަލު ތެރެ ފާސްކުރުމަށް މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން ޖަލުގެ ތެރޭގައި ހުރެގެންނުވާނެ ސާމާނު ފެނިފައިވާ ކަމަށް ހޯމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
އެކަމާ ގުޅޭގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ކުރި ޓުވީޓެއްގައި ވިދާޅުވީ މާފުށީ ޖަލުގެ ޔުނިޓްގެ ގޮޅިތެރެ ފާސްކުރުމުގެ ތެރެއިން ގޮޅިން ނައްޓާލާފައިވާ ތޭރިގަނޑަކާއި އެނބުރި ދަނގަޑުން ތައްޔާރުކޮށްފައިވާ ތޫނުކޮށްފައިވާ އެއްޗެއް ފެނިފައިވާ ކަމަށެވެ. އަދި މި އެއްޗަކީ ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް މުނާޒް ވިދާޅުވިއެވެ. މީގެ އިތުރުން ޖަލުން އަށް ފޯނު ފެނިފަައިވާ ކަމަށް މުނާޒް ވިދާޅުވިއެވެ.
މާފުށީ ޖަލުތެރެ ފާސްކުރުމުގެ އޮޕަރޭޝަން މިއަދަށް ނިންމާލުމަށްފަހު ހޯމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް އަމާންކަމާއެކު ކަމަށެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ފެނުނު ޖަލުގެ ތެރޭގައި ހުރެގެންނުވާނެ ސާމާނު ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
މިއަދު ކުރިއަށްދިޔަ މި އޮޕަރޭޝަނަކީ އެޗްއާރުސީއެމްގެ ބެލުމުގެ ދަށުން ކުރިއަށްދިޔަ އޮޕަރޭޝަނެކެވެ.