ކުޑަކުދިންގެ ހިޔާގައި ހުއްޓައި އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފިއެވެ.
ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ ގެއްލުނު މައްސަލަ ބެލުމަށް ބާއްވާ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 12:00 އަށެވެ.
ޝައިމް ގެއްލުނު މައްސަލައާ ގުޅިގެން މިރޭ ފުލުހުން ބުނީ މިމަހުގެ 18 ވަނަ ދުވަހު ހުށަހެޅުނު މައްސަލައާ ގުޅިގެން އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން އަމަލުކުރުމަށްފަހު މިމަހުގެ 20 ވަނަ ދުވަހު އެ ކުއްޖާ ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ ހޯދުމަށް ފުލުހުން ތިން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ ކުއްޖާ ގެއްލުނު ހާދިސާއާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ އެކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށާއި އެ ކުއްޖާ ކުޑަކުދިންގެ ހިޔާއަށް ގެންދެވުނީ އެސެސްމަންޓުތަކެއް ހެދުމަށް ކަމަށެވެ. އަދި އެ ކުއްޖާއަކީ ކުޑަކުދިންގެ ހިޔާގައި ދަފުތަރު ކުރެވިފައިވާ ކުއްޖެއް ނޫން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.