ގެއްލުނު ކުއްޖާ ހޯދުމަށް ފުލުހުން ތިން ގެއެއް ބަލައި ފާސްކޮށްފިއެވެ.
ފުލުހުން ބުނީ މިމަހުގެ 18 ވަނަ ދުވަހު ހުށަހެޅުނު މައްސަލައާ ގުޅިގެން އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން އަމަލުކުރުމަށްފަހު މިމަހުގެ 20 ވަނަ ދުވަހު އެ ކުއްޖާ ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށެވެ.
ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ، 14އ، ހޯދުމަށް ފުލުހުން ތިން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޝައިމް އަބްދުﷲއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުމަށްފަހު އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
އެ ކުއްޖާ ގެއްލުނު ހާދިސާއާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ އެކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށާއި އެ ކުއްޖާ ކުޑަކުދިންގެ ހިޔާއަށް ގެންދެވުނީ އެސެސްމަންޓުތަކެއް ހެދުމަށް ކަމަށެވެ. އަދި އެ ކުއްޖާއަކީ ކުޑަކުދިންގެ ހިޔާގައި ދަފުތަރު ކުރެވިފައިވާ ކުއްޖެއް ނޫން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.