ރާއްޖޭގެ ރަށެއްގައި 16 އަހަރުގެ ކުއްޖަކު ވިހައިފިއެވެ.
އެ 16 އަހަރުގެ އަންހެން ކުއްޖާ ވިހެއި ދަރިފުޅުގެ ބައްޕައަކީ 15 އަހަރުގެ ކުއްޖެކެވެ. އެކަން އެ ރަށު ކައުންސިލްގެ ރައީސް ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. އެ ކުއްޖާ ވިހާފައިވަނީ އެ ރަށު ހޮސްޕިޓަލުގައެވެ.
ވަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެކުއްޖާ ވިހެއި ދަރިފުޅަށް ވަނީ އިއްޔެގެ ވަގުތެއްގައި ނަން ވެސް ކިޔައިފައެވެ. ވިހެއި އަންހެން ކުއްޖާއާއި ދަރިފުޅު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ އިރު، ދެމައިންގެ ހާލުވެސް ރަނގަޅެވެ.
އެ މައްސަލަ އެ ރަށު ޕޮލިސް ސްޓޭޝަނުން އަންނަނީ ބަލަމުންނެވެ. އެކުއްޖާ ވިހާފައިވަނީ މީގެ ހަތް ދުވަސް ކުރިންނެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ވެސް އެފަދަ ހާދިސާއެއް ވަނީ ހިނގައިފައެވެ. އެ ހާދިސާގައި 15 އަހަރުގެ އަންހެން ކުއްޖާ ވިހެއި ދަރިފުޅު ވަނީ ނިޔާވެފައެވެ.