ޚަބަރު

ކާއެއްޗެހި ލިބުން ލަސްވުމުން އެޗްއާރްސީގެ މުވައްޒަފުންތަކެއް އިހުތިޖާޖުކޮށްފި

ކާއެއްޗެހި ލިބުން ލަސްވުމުގެ ސަބަބުން ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ)ގެ ބިދޭސީ މުވައްޒަފުންތަކެއް އިހުތިޖާޖުކޮށްފިއެވެ.

އިންޑިއާއަށް ނިސްބަތްވާ އެ މުވައްޒަފުން ކާއެއްޗެހި ލަސްވުމުގެ ސަބަބުން މިރޭ އިހުތިޖާޖުކޮށްފައިވަނީ މާލޭގައި ހުންނަ އެޗްއާރްސީގެ އޮފީސް ކުރިމަތީގައެވެ. އެ ކުންފުންޏަކީ މަޝްހޫރު ވިޔަފާރަވެރިޔާ އަދި މަސީގެ ރައީސް އަލީ ޖަނާހުގެ ކުންފުންޏެކެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެމުން އެޗްއާރްސީގެ ދިވެހި މުވައްޒަފަކު ބުނީ އެ ބިދޭސީ މުވައްޒަފުންތަކަކީ ދިގުރަށް ރިސޯޓުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާފައި މާލެ ގެނެސް ތިބި މުވައްޒަފުންތަކެއް ކަމަށާއި އެމީހުންނަށް ކާއެއްޗެހި ލިބުން ލަސްވެފައިވަނީ ކޭޓަރިންގް ހަވާލުކޮށްފައިވާ ފަރާތުން ކާއެއްޗެހި ފޯރުކޮށްދިނުމަށް ލަސްވުމުން ކަމަށެވެ.

އެ އެންމެންނަކީ ވެސް ގަވާއިދާ އެއްގޮތަށް މަސައްކަތްކުރަމުން އަންނަ މީހުން ކަމަށާއި ކޭޓަރިންގެ ކަންތައްތަކާ ހަވާލުވެ ހުރި ފަރާތުން އެމީހުންނަށް ކާއެއްޗެހި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އެފަދަ ކަމެއް ދިމާވެފައިނުވާކަން ވެސް އޭނާ ފާހަގަކުރިއެވެ.

މިހާރު އިހުތިޖާޖު ހުއްޓުމަކަށް އައިސްފައިވާ އިރު، ފުލުހުން ވަނީ އެ އިހުތިޖާޖުގައި ހަރަކާތްތެރިވި މީހަކު ހައްޔަރުކޮށްގެން ގެންގޮސްފައެވެ.