ކ. ގުރައިދޫ ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ.
ރައީސް ސޯލިހު ގުރައިދޫ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި ގުރައިދޫ ކައުންސިލުން ވަނީ އެރަށަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސް ސޯލިހުއާ ހިއްސާކުރައްވައިފައެވެ.
މީގެ އިތުރުން ގުރައިދޫ ކައުންސިލުން ވަނީ ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަކޮށް އެކަންކަން ރައީސް ސޯލިހުއާ ހިއްސާ ކުރައްވާފައެވެ. ގުރައިދޫގައި ނަރުދަމާ ނިޒާމުގެ މަރާމާތުގެ މަސައްކަތާއި، ބިން ހިއްކުމާއި، ފެންޕްލާންޓުގެ ކެޕޭސިޓީ އިތުރުކުރުމާއި، ސްކޫލުގެ އިމާރާތުގެ ދަތިކަމާއި ބަނދަރުގެ މައްސަލަ އާއި ގުޅިގެން ދިމާވެފައިވާ މައްސަލަތައް އެރަށު ކައުންސިލްގެ ފަރާތުން ރައީސް ސޯލިހުއާއި ހިއްސަ ކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި ގުރައިދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިި ކަންކަމަށް ހައްލު ހޯދައި ދިނުމަށް ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން މަޝްވަރާ ކުރައްވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.