ގއ.އޮޑެގައްލާގައި ބިން ހިއްކައިގެން ރިސޯޓު ތަރައްގީ ކުރުމަކީ ސަރަހައްދުގެ ތިމާވެއްޓާއި މަސްވެރިކަމަށް ގެއްލުން ހުރިކަމެއް ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފިއެވެ.
އެ އަތޮޅު ކައުންސިލުން މިހެން ބުނެފައިވަނީ މިއަދު އާންމު ކުރި ނޫސްބަޔާނެއްގައެވެ. މި ބަޔާނުގައި އީޕީއޭ އިން ސެންސިޓިވް އޭރިއާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އޮޑެގައްލާއަކީ އަތޮޅުގެ މަސްވެރިކަމަށް ވަރަށް މުހިއްމު ރަށެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
އެގޮތުން އޮޑެގައްލާއަކީ އައިންމަތީ ދޫނި ނިދަންއަރާ އަދި ބިސްއަޅާ އާލާވާ ރަށެއްކަން ފާހަގަކޮށް މި ރަށަކީ މަސްވެރިން އެންދަމަން ބޭނުންކުރާ ރަށެއްކަމަށް ކައުންސިލުން ފާހަގަކޯށްފައިވެއެވެ. އަދި މި ރަށުގެ ވަށައިގެންވާ ފަރަކީ ގުދުރަތީގޮތުން މުއްސަނދި ފަރެއްކަން އަތޮޅު ކައުންސިލުން ފާހަގަކުރެއެވެ.
ބިން ހިއްކައިގެން އޮޑެގައްލާގައި ރިސޯޓު ތަރައްގީ ކުރުމާ ދެކޮޅަށް ގއ އަތޮޅުގެ ރައްޔިތުން އުފުލަމުން ދިޔަ އަޑު އައްސަވައި އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރއްގީކުރުން ހުއްޓުމަކަށް ގެނައުމުން ގއ އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ހުރިހާ ރައްޔިތުންގެ ނަމުގައި ކައުންސިލުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އަދި ޓުއަރިޒަމް މިނިސްޓަ އަލީ ވަހީދަށް ޝުކުރު ދަންނަވައިފައެވެ. އަދި ރައްޔިތުން އިންތިހާބުކޮށްފައި ތިބި ރައްޔިތުންގެ މަންދޫބުންގެ އަޑު މި ސަރުކާރުން އައްސަވާނެ ކަމާމެދު އަބަދުވެސް ޔަގީން ކުރާކަމަށް ކައުންސިލުން ބުނެފައި ވެއެވެ.