މާފުށީ ޖަލުގައި ހިންގި ހަމަނުޖެހުމުގައި ކުށްވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
ޓްރާންސްޕޭރެންސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ވަނީ މިމަހު 20 ވަނަ ދުވަހު މާފުށީ ޖަލުގައި ތިބި ބައެއް ގައިދީންނަށް ޖަލު ބަލަހައްޓާ އޮފިޝަލުންގެ ބަޔަކު ދިން އަނިޔާތައް ކުށްވެރިކޮށްފައެވެ. އަދި މި ކަމަކީ ރާއްޖޭގެ ގާނޫނާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މުއާހަދާތަކުގައި ވެސް ކުށްވެރި ކޮށްފައިވާ ކަންކަން ކަމުގައި މި ބަޔާނުގައި ޓްރާންސްޕޭރެންސީ އިން ވަނީ ފާހަގަކޮށްފައެވެ.
މިހާރުން މިހާރަށް މި ހާދިސާގައި އަނިޔާވި މީހުންނަށް ސިއްހީ ފަރުވާ ހޯދައި ދިނުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލާފައި ވެއެވެ. މީގެ އިތުރުން މި ހާދިސާ ތަހުގީގުކޮށް މިކަމުގައި ކުށްވެރިވާ ފަރާތްތަކަށް ފިޔަވަޅު އަޅައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތް ހާމަކަމާއެކު ކުރިއަށް ގެންދިއުމަށް ދައުލަތުގެ ހުރިހާ މުއްސަސާއަކަށް ޓްރާންސްޕޭރެންސީ އިން ގޮވާލާފައި ވެއެވެ. އަދި މީގެ ކުރިން ހިނގާފައިވާ މިފަދަ އެކި ހާދިސާތަކުގައި އަނިޔަ ލިބިފައިވާ ފަރާތްތަކަށް އިންސާފު ލިބެން ޖެހޭކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށާއި، އެފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށް ޓްރުތް އެންޑް ރިކޮންސިލިއޭޝަންގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލާފައި ވެއެވެ.
އެޗްއާރުސީއެމް ފަދަ ދައުލަތުގެ ކަމާ ބެހޭ އިދާރާތައް މިފަދަ އަނިޔާ ހުއްޓުވުމުގައި އިހުމާލުވާ މިންވަރު ބެލުމަށްވެސް ޓްރާންސްޕޭރެންސީ އިން ގޮވާލާފައިވެއެވެ. އަދި އަނިިޔާ ހުއްޓުވުމަށް އެޗްއާރުސީއެމްއިން އިހުމާލުވާ މިންވަރު ބެލުމުގެ އިތުރުން އެ ކޮމިޝަން ޖަވާބުދަރީ ކުރުމަކީ މުހިއްމުކަމެއް ކަމަށް ދެކޭކަމަށް ޓްރާންސްޕޭރެންސީއިން ބުނެފައި ވެއެވެ.
މި ޖަމިއްޔާއިން ވަނީ ރާއްޖެއިން ސޮއިކޮށްފައިވާ އެންޓި ޓޯޗާ އެކްޓް އަދި އޮޕްޝަނަލް ޕްރޮޓަކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗާރ ގައި ރާއްޖެ ސޮއިކޮށްފައި ވާއިރު ޖަލުގައި ހިނގައިދިޔަ މި ހާދިސާއަކީ މި ދެ ބައިނަލްއަގްވާމީ މުއާހަދާއާއި ހިލާފްވާ ކަމެއްކަމުގައި ފާހަގަކޮށްފައެވެ. އަދި މިފަދަ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފައިިވާއިރު ގައުމީ ފެންވަރެއްގައި މިކަން ތަންފީޒު ނުކުރެވޭ ކަމުން މިއީ ހަމައެކަނި ހާރިޖީ ޒިންމާއެއް ފުރިހަމަކޮށްލުމުގެ ނިޔަތުގައި ސޮއިކޮށްފައިވާ މުއާހަދާއެއްކަން އަންގައިދޭ ހެއްކެއްކަމުގައި ޓްރާންސްޕޭރެންސީ އިން ބުނެއެވެ.