ޚަބަރު

އޮޑަގައްލާގެ އެއްބަސްވުން އުވާލައި، ދެން ކަންތައް ކުރާނެ ގޮތަކާމެދު ރައީސްގެ ލަފާފުޅަކަށް އެދިފައިވާނެ: އަލީ ވަހީދު

މަރިޔަމް ޝަހުދާ

މަޝްހޫރު ވިޔަފާރަވެރިޔާ އަދި މަސީގެ ރައީސް އަލީ ޖަނާހުއަށް ގއ. އޮޑަގައްލާ ދިން އެއްބަސްވުން އުވާލައި ދެން ކަންތައް ކުރާނެ ގޮތަކާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ލަފާފުޅަކަށް އެދިފައިވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިދިޔަ ސަރުކާރުގައި ޖަނާހުއަށް އޮޑަގައްލާގައި ރިސޯޓު ތަރައްގީ ކުރަން ދޫކުރީ އެކަން ކުރަން އޮތް އުސޫލުގެ ތެރެއިން އެއްބަސްވުމަކާ އެކުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސަތުތަކާއި ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއެކު ގުދުރަތީ ގޮތުން ނާޒުކު ވެއްޓެއް އޮތް އެރަށުގައި ޓުއަރިޒަމް ފުޅާކުރުމުގެ މަސައްކަތެއް ނުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

''އަޅުގަނޑުމެންގެ ސަރުކާރުން ރައްޔިތުންނަށް ވަނީ ވައުދުތަކެއް ވެފައި. އަޅުގަނޑުމެން މިވެނި އުސޫލުތަކެއްގެ މަތީގައިކަން ދިވެހިރާއްޖެ ކުރިއަށް ގެންދަން ބޭނުންވަނީ. އެގޮތުން މިއަދު މަޝްވަރާކުރުމަށްފަހު މިއަދުން ފެށިގެން އެ ރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ދަންނަވާފައި. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ މަޝްވަރާތަކަށްފަހު އަޅުގަނޑުމެން ވާނީ އެ އެއްބަސްވުން ޓުއަރިޒަމް މިނިސްޓްރީން ބާތިލް ކުރުމަށްޓަކައި ކުރިން އެގްރީމަންޓް ހެދިފައިއޮތް ފަރާތާ ދޭތެރޭ ދެން ކުރިއަށްގެންދާނެ ގޮތެއް ލަފައަކަށް އެދިފަ ވާނީ،'' މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ވާހަކަ އަޑުއަހައިގެން ސަރުކާރު ހިންގުން ކަމަށެވެ. އަދި ރާއްޖެއަށް އިންވެސްޓް ކުރާ މީހުންގެ އިންވެސްޓަރ ކޮންފިޑަންސް ނުގެއްލޭނެހެން ކަންކަން ކުރުމަކީ އެޅިފައިވާ ޒިންމާއެއްކަމަށް މިނިސްޓަރ ވިދަޅުވިއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ގޮތަކަށް ވިސްނާލުމެއްނެތި ތިމާވެއްޓަށް ބެލުމެއް ނެތި މިފަދަ ކަންކަން ކުރުން އިންވެސްޓަރުންނާއި ރައްޔިތުން އުނދަގޫ ހާލަތަކަށް ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ކަންކަން ކުރާއިރު ތިމާވެށީގެ ކަންކަމުގައި ކޮންމްޕްރޮމައިޒް ނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ވަނީ އޮޑަގައްލާގައި ކުރިއަށް ގެންދަން އުޅުނު ރިސޯޓުގެ މަޝްރޫއު ގަބޫލުނުކުރުމަށް ނިންމާފައެވެ.