އެމްޓީސީސީ

ޕްރޮޖެކްޓްތަކުން ލިބެންޖެހޭ 300 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ: އެމްޓީސީސީ

އެމްޓީސީސީން ހިންގި ޕްރޮޖެކްޓްތަކަށް ލިބެންޖެހޭ 300 މިލިއަން ރުފިޔާ ނުލިބި އެބަ އޮތްކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީން އެކި ފަރާތްތަކަށް ލޯނުގެ ގޮތުގައި ދައްކަންޖެހޭ 600 މިލިއަން ރުފިޔާ އެބައޮތް ކަމަށާއި އަދި އެކި ފަރާތްތަކުން އެކުންފުންޏަށް ލިބެންޖެހޭ 300 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.

ޝާހު ވިދާޅުވީ އެމްޓީސީސީއަށް އެންމެ ގިނަ ޕްރޮޖެކްޓުތައް ލިބެނީ ޕްލޭނިން މިނިސްޓްރީން ކަމަށާއި މިހާތަނަށް އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތީ އެ މިނިސްޓްރީން ކަމަށެވެ. އަދި ފައިސާ ލިބުން ލަސްވި ނަމަވެސް މިނިސްޓްރީން ފައިސާ ދައްކަމުން އަންނަ ކަމަށެވެ.

ޝާހު ވިދާޅުވީ މިދިޔަ އަހަރު އެކުންފުނީގެ ފައިދާ ދަށްވެ، ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާ ނުބެހުމަށްވެސް ބޯޑުން ނިންމި ކަމަށާއި ނަމަވެސް މިއަހަރުގެ ނިޔަލަށް ކުންފުނީގެ ފައިދާ އިތުރުވާނެ ކަމަށެވެ.

އެގޮތުން 24 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި ކުންފުނީގެ ހާލަތާ ގުޅޭގޮތުން ރައީސް އޮފީހުގެ އިތުރުން ކަމާ ގުޅުންހުރި މިނިސްޓްރީތަކާ ވެސް މަޝްވަރާ ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

އަދި އެމަޝްވަރާތަކުގެ ސަބަބުން ސަރުކާރުން ކުންފުންޏަށް ލިބޭ ޕްރޮޖެކްޓުތަކުގެ އަދަދު އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޓީސީސީން މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކާއި ނިމިފައިވާ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ޝަހު ވިދާޅުވީ އެމްޓީސީސީން މިހާރު 24 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

އަދި މި އަހަރުގެ މިހާތަނަށް 13 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާލާފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހޯރަފުށީ އެއާޕޯޓާއި މާވަރުލު އެއާޕޯޓު އަދި ކުޅުދުއްފުށީ ބަނދަރުގެ މަސައްކަތާއި ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ.